English Edition
Dhivehi Edition

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭ ތަރައްޤީކުރުމުގެ މަޝްރޫޢަށް ބޭނުންވާ 1.2 ބިލިއަން ރުފިޔާ ހަމަޖައްސައި ދިނުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ނިންމައިފިއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މަރުހަލާގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވީ، އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިމަހުގެ 6 އިން 7 އަކަށް ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގެތެރެއިން މުހިންމު ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށެވެ.

އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ވީއައިއޭ ގެ މަޝްރޫއަށް ބޭނުންވާ އެހީ ދިނުމަށް ނިންމީ މި ދަތުރުފުޅުގެ ތެރެއިންކަމަށް ފިރުޒުލް ވިދާޅުވިއެވެ.

“އަމިއްލަ ދަތުރުފުޅުގެތެރެއިން، ކުރެވުނު މަޝްވަރާތަކުން، ޔޫއޭއީ ސަރުކާރުން އަބޫދާބީ ފަންޑުގައި އެދުމުން، އެ މަޝްރޫޢަށް 80 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާ ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވޭ،” ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވަނީ ވީއައިއޭގެ މަސައްކަތް ނުނިމި ގިނަ ދުވަސް ވެގެން ދިޔުމުގެ ސަބަބުންނާއި، އެ މަޝްރޫޢުގެ ޑިޒައިންތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން މަޝްރޫޢުގެ އަގު އެތައް ގުނައަކަށް އިތުރުވެގެންގޮސްފައިވާކަމަށް ވިދާޅުވެފައެވެ. އަދި އިންތިޚާބީ ރައީސްގެ ދަތުރުފުޅުން ހަމަޖެހުނު އެހީއާއެކު އެ މަޝްރޫޢު އަވަހަށް ނިންމުމަށް މަސައްކަތްކުރައްވާނެކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.

އަންނަ އަހަރުތެރޭ ވީއައިއޭގެ އައު ޓާމިނަލްގެ މަސައްކަތް ނިންމާ ބޭނުންކުރަން ފެށުމަކީ އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެކެވެ. އަދި 2026ވަނަ އަހަރުތެރޭ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު އެއްކޮށް ނިންމާ ބޭނުންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށްވެސް ޑރ. މުޢިއްޒުވަނީ މީގެކުރިން ވިދާޅުވެފައެވެ.

ވީއައިއޭގެ އައު ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ. މި ޓަރމިނަލަކީ 78 ހާސް އަކަ މީޓަރުގެ ޖާގައިގެ ޓަރމިނަލެކެވެ.