English Edition
Dhivehi Edition

އިސްރާއީލުގެ ޔަހޫދީން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެ، ހަށިތައް ވަޅުލާނޭ ތަނެއް ނެތި ގޮތް ހުސްވެފައިވާކަމަށް ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްޚީ ވުރާރާއާއި ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ބޮމުގެ ހަމަލާތައް ބޮޑުތަނުން އިތުރުވެފައިވާއިރު، އެ ހަމަލާތަކުގައި ކޮންމެ 24 ގަޑިއިރަކުން މަދުވެގެން 200 ނޫނީ 300 އާއި ގާތްކުރާ އަދަދަކަށް މީހުން ޝަހީދުވަމުން ދެއެވެ. އެގޮތުން މިދި އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީން މެދު ނުކެނޑި ދެމުން ގެންދާ ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 10،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

ޣައްޒާގެ ޚަބަރުތައް ގެނެސްދެމުންދާ މީޑިއާތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވާ މީހުންގެ އަދަދު މައްޗަށް ގޮސް މިހާރު ވަނީ ޤަބުރުސަތާން އެއްކޮށް ފުރިފައެވެ. އަދި މިހާރު ފަލަސްތީނުން ޝަހީދުވާ މީހުންގެ ހަށިތައް ވަޅުލަމުންދަނީ ގަބުރުސްތާނު ކައިރީގައި ވަޅުލެވެން ހުރި ހުސް ބިންތަކުގައި ހުރިހާ ހަށިތަކެއް އެކުއެކީ ފިތިބާރުކޮށް ބަހަށްޓައިގެންކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ޔަހޫދީންގެ ހަމަލާތަކަށް 28 ދުވަސްވެފައިވާއިރު، އެމީހުންގެ ހަމަލާތަކުގައި ގިނައިން ޝަހީދުވެފައިވަނީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި ފަހަކަށް އައިސް ޔަހޫދީންގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒުކުރަމުން ގެންދަނީ ފަލަސްޠީނުގެ އެންމެ މީހުން ގިނައިން ދިރިއުޅޭ އެންމެ ބައިބޯ ހިސާބުތަކަށެވެ. އެގޮތުން، އެންމެ ގިނަ މީހުން ދިރިއުޅޭ ރެފިޔުޖީ ކޭމްޕް ތަކާއި، ހޮސްޕިޓާ ތަކާއި، ހާލުގައި ޖެހިފައިވާ މީހުން ބޯހިޔާވަހިކަން ހޯދަމުން އަންނަ ސްކޫލުތައް ފަދަ ތަންތަން ހިމެނެއެވެ.