އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން އުދުވާނީ ހަމަލާ ކުއްވެރި ނުކުރާ ގައުމުތަކަކީ އެގައުމުގެ ދުސްމަނުން ކަމުގައި އިސްރާއީލުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ލިޔޯ ހަޔާތް ވިދާޅުވެއްޖެއެވެ.
އިސްރާއީލުގެ ފޮރިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ލިޔޯ ހަޔާތް ވިދާޅުވީ ނިމިގެން ދިޔަ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލަށް އަރައިގަނެ ހަމާސް އިން ދިން ހަމަލާއަކީ ޓެރަރިސްޓު ހަމަލާއެއް ކަމަށާއި އެ ހަމަލާ ކުއްވެރިކުރާ ކަމަށެވެ. އަދި ހަމާސްގެ މި ހަމަލާ ކުއްވެރި ނުކުރާ ގައުމުތަކަކީ އިސްރާއީލުގެ ދުސްމަނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ލިޔޯރ ވިދާޅުވީ ހަމާސް ގެ މި ހަމަލާއަކީ އިސްރާއީލުގެ ތާރީޙުގައި ވެސް އެގައުމަށް ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށާއި އެ ހަމަލާގައި ކުށެއް ނެތް އެތަކެއް އާންމު ރައްޔިތުން މަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ނާއި އުމުރުން ދުވަސްވީ މުސްކުޅިންވެސް ހިމެނޭ ކަމަށް ލިޔޯރ ވިދާޅުވިއެވެ.
ލިޔޯރ އިތުރަށް ވިދާޅުވީ ހަމާސް އިން ވަނީ އިސްރާއީލަށް އަރައިގެން ގޭގެއަށް ވަދެ ބަޑި ޖަހާ ކުޑަކުދިން މަރާ ދަރިންގެ ކުރިމަތީގައި އަންހެނުންގެ އިއްފަތްރެރިކަން ވެސް ނަގާލާފައިކަމަށެވެ. އަދި މިއީ އިންސާނިޔަތާއި ޚިލާފު ޖަރީމާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
” އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު އަިސްރާއީލަށް އަރާ ހަމާސްއިން ހިނގި އުދުވާނީ ހަމަލާ ކުއްވެރިކުރަން. އަދި އެ ހަމަލާ ކުއްވެރި ނުކުރާ ގައުމުތަކަކީ އަހަރެމެންގެ ދުސްމަނުން. އަހަރެމެން އެފަދަ ގައުމުތަކަކަށް މާފެއް ނުކުރާނަން.” ނޫސްވެރިންނަށް މައުލޫމާތު ދެމުން ލިޔޯރ ވިދާޅުވެފައިވެއެވެ.
ރަޝިއާއާއި ޗައިނާއަށް އިޝާރަތް ކުރައްވާ ލިޔޯރ ވިދާޅުވީ ހަމާސްގެ ޓެރަރިސްޓު ހަމަލާ ކުއްވެރި ނުކުރާ ގައުމަކަށް އިސްރާއީލުގެ އެއްވެސް މާފެއް ނެތް ކަމަށެވެ. އަދި އެއީ އިންސާނިޔަތުކަމެއް ވެސް ނެތް ގައުމަތަކެއްގެ ގޮތުގައި ބެލެވޭނޭ ކަމަށް ވެސް ލިޔޯރ ވިދާޅުވިއެވެ.