English Edition
Dhivehi Edition
ފޮޓޯ:އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ އެޖެންޑާކޮށްފައިވަނިކޮށް އިއްޔެ ޖަލްސާ ކެންސަލްކުރުމުން، އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް އިއްޔެ ހުށަހެޅި މައްސަލަ ބަލައިގެންފިއެވެ.

ސުޕްރީމް ކޯޓަށް އިއްޔެ ހުށަހެޅި މައްސަލައިގައި އެމްޑީޕީން އެދުނީ ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ނުނިމެނީސް މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި ނަޝީދު ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އެހެން މެންބަރަކާ ހަވާލުކުރުމަށް މަޖިލީހުގެ އިދާރާ އަށް އެންގުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ އެދިފައެވެ.

ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމަށް އެމްޑީޕީ އިން ހުށަހަޅާފައިވާއިރު މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ބަލިވެ އުޅުއްވާތީ އިއްޔެގެ ޖަލްސާވަނީ ކެންސަލްކޮށްފައެވެ، އަދި މިއަދު ބާއްވަން ނިންމި ޖަލްސާވެސް ކެންސަލްކޮށްފައިވާއިރު އެމްޑީޕީ އިން ވަނީ މިކަމާ ގުޅިގެން މަޖިލީސް ކުރާ ގޭގެ ތެރޭގައިވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މީގެ އިތުރުން އެމްޑީޕީ އިން ބުނީ ރައީސް ނަޝީދުގެ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާ ކުރިއަށް ނުދިއުމުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ހަތަރު ސަބަބަކަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށެވެ.

  • ނަޝީދުގެ މައްސަލަ ގެންދެވޭނެ ގޮތް ސާފުކޮށް ގަވައިދުގައި ބަޔާންކޮށްފައި އޮތް ނަމަވެސް އެއަށް އަމަލުމުކޮށް މަޖިލީހުގެ އިދާރާ އިން އެ މައްސަލަ ކުރިއަށް ގެންދިޔަ ނުދީ ޖަލްސާ ހުއްޓުވާފައިވުން
  • ނަޝީދުގެ މައްސަލައިގައި މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ އިދާރާ އިން ކަނޑައަޅާފައި ވަނީ މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ ބާރު ކެނޑޭ ގޮތަށް ކަމަށް ގަބޫލުކުރެވުން
  • މަޖިލީހުގެ ދުސްތޫރީ އަދި ގާނޫނީ ކަންކަން ބެލެހެއްޓުމާއި މަޖިލީހުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެ ގޮތަށް ތަނަވަސްކޮށްދީފައި އޮތް ނަމަވެސް އެގޮތަށް މަޖިލީހުގެ އިދާރާ އިން އަމަލުކޮށްފައިނުވުން
  • ގައުމު ދުސްތޫރީ ނިޒާމުން ބޭރުވެދާނެ ފަދަ މައްސަލައަކަށް ނަޝީދުގެ މައްސަލަ ވީ ހިދު އިއްޔެ ދިމާވި ފަދަ ހާލަތެއް ކުރިމަތިވުމުން ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ ތަންފީޒުކުރުން ލާޒިމް. އެހެން ނޫން ނަމަ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގާނޫނު ތަސައްވަރުކޮށްފައި ނުވާ ހާލަތެއް ކުރިމަތިވުން

އެމްޑީޕީގެ ގާނޫނީ ޓީމުން ބުނީ، އެ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އާއި 205 ވަނަ މާއްދާ އަށް ރިއާޔަތްކޮށް، 44 ވަނަ މާއްދާގެ ދަށުން ޖަލްސާ ބޭއްވޭނެ ކަމަށާއި ޖަލްސާ އިއްޔެ ކެންސަލްކުރީ ގަވައިދާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ކަމަށެވެ.

ޓެގު