English Edition
Dhivehi Edition
އައްޑޫ ސިޓީ ސްކެއާ/ ފޮޓޯ: ކައުންސިލް

ހައްދުފަހަނަޅާފައިވާ އިޒްރޭލު ސިފައިން ފަލަސްތީނުގެ ގާޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް އަޑުއުފުލުމަށް އައްޑޫ ސިޓީ ގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލާ އަދި އައްޑޫގެ މަދަނީ ޖަމީއްޔާ ޖަމާޢަތްތައް ގުޅިގެން ބާއްވާ މި އެއްވުން އޮންނަނީ މި މަހުގެ 27 ވާ ހުކުރު ދުވަހު އައްޑޫ ސިޓީ ސްކެއާގައި ހަވީރު 16:00 ގައެވެ. އައްޑޫ ސިޓީ ކައުންސިލުން ވަނީ މި އެއްވުމުގައި ބައިވެރިވާން ބޭނުންވާ މަދަނީ ޖަމީއްޔާތަކުން ބުރާސްފަތި ދުވަހުގެ ހަވީރު 18:00 ގެ ކުރިން 9948762 ގުޅައި އެކަން ކައުންސިލަށް އެންގުމަށް އެދިފައެވެ.

އިޒްރޭލުގެ ޔަހޫދީން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 4000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު ގިނަ އަދަދެއްގެ ބައެއްގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާއިރު، ގާޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ރާއްޖޭގައި އަންނަނީ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ.

މި ގޮތުން އައްޑޫ ސިޓީގެ އެކި އަވަށްތަކުގައި ފަންޑްރައިޒްގެ ގިނަ ހަރަކާތްތަކެއް ހިންގާފައިވާއިރު އަންނަ ހޮނިހިރު ދުވަހު އައްޑޫ ސިޓީ މީދޫގައިވެސް ފަންޑްރައިޒްކުރުމަށް ބޮޑު ހަރަކާތެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

May be an image of map and text