English Edition
Dhivehi Edition
އަލީ އާޒިމް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމަންޓްރީ ބަޖެޓު ތައްޔާރު ކޮށްފައި ވަނީ ކަމާގުޅޭ ގާނޫނުތަކާ ހިލާފަށް ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެކަމާ ގުޅިގެން އަލީ އާޒިމް، މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ފިނޭންސް މިނިސްޓްރީން ސަޕްލިމަންޓްރީ ބަޖެޓު ފޮނުވި އިރު، މާލިއްޔަތު ގާނޫނުގައި ބަޔާންކުރާ ގޮތަށް މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރި ހަރަދު ފަދަ މާލީ މައުލޫމާތުތައް ހިމަނާފައި ނުވާ ކަމަށެވެ.

މީގެއިތުރުން އެ ސިޓީގައި ބުނެފައިވަނީ މި އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން މާލީ ވަޒީރު އިބްރާހިމް އަމީރު ދެއްވި މެދުރާސްތާގެ ފިސްކަލް ސްޓްރެޓަޖީގެ ބަޔާނުގައި ކަނޑައެޅުއްވި ލަނޑުދަނޑިތަކަށް މި ފަހަރުގެ ސަޕްލިމަންޓްރީ ބަޖެޓުގެ ސަބަބުން ބަދަލު އަންނާނެތީ، ބަޖެޓު ޕޮޒިޝަން ރިޕޯޓަށް އައި ބަދަލު ބަޔާންކޮށް، އާ ރިޕޯޓެއް ހުށަހަޅަންޖެހޭނެކަމަށް ފެންނަކަމަށެވެ.

އިތުރަށް އާޒިމް ވިދާޅުވީ މި އަހަރު މަޖިލީހުން ފާސްކޮށްދީފައިވާ ބަޖެޓުން ހަރަދު ކޮށްފައިވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށްތޯ ކަށަވަރު ކުރުމަށްޓަކައި، ސަޕްލިމަންޓްރީ ބަޖެޓު ތައްޔާރުކުރުމާ ހަމައަށް، ބަޖެޓުން ކުރި ހަރަދުތަކުގެ ތަފްސީލު ހިމެނުން މަޖިލީހުގެ މަސްއޫލިއްޔަތު ޒިންމާދާރުކަމާ އެކު، އަދާކުރުން މުހިއްމު ކަމަށެވެ.