English Edition
Dhivehi Edition

އ.ދ އިން ހަދާފައިވާ ގްލޯބަލް ކޮމްޕެކްޓް އޮން މައިގްރޭޝަން (ދުނިޔޭގެ ގައުމު ތަކުން ހިޖުރަ ކުރުމާ ބެހޭ މުއާހަދާ) އިން އެމެރިކާ އިން ވަކިވެގަތުމަށް ނިންމަވައިފިއެވެ.

މި މުއާހަދާ އަކީ މިދިޔަ އަހަރު އެމެރިކާގެ ނިއުޔޯކްގައި ވެވުނު އެއްބަސްވުމެކެވެ. މި މުވާހަދާގެ މައިގަނޑު މަޤްސަދަކީ ދޭދޭ ގައުމު ތަކުން ހިޖުރަކުރާ މީހުންނާއި އަދި ރެފިއުޖީންނަށް އެހެން ގައުމުތަކުގައި ވަޒަންވެރި ވުމަށް ނުވަތަ ވަގުތީ ގޮތުން ދިރިއުޅުމަށް ވަކި ނިޒާމު ތަކަކާއި އުސޫލު ތަކެއް ހަމަ ޖެއްސުމެވެ. އަދި މީގެ އިތުރުން ނަސްލީ އަދި އެހެނިހެން ގޮތްގޮތުން ތަފާތު ކުރުންތަށް ނައްތާލުމެވެ.

މި މުވާހަދާ އެކުލަވާލެވުނީއްސުރެން އެމެރިކާ އަކީ މި އެއްބަސް ވުމުގައި ހިމެނޭ ގައުމެކެވެ. ނަމަވެސް މުވާހަދާގައި ހިމެނޭ ގައުމުތަކުން މި އެއްބަސް ވުމަށް އަމަލު ކުރުން މަޖުބޫރެއް ނޫނެވެ.

އެމެރިކާއިން އ.ދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކީ ހެއިލީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ވިދާޅުވެފައިވަނީ، މި އެއްބަސް ވުމަށް އަމަލު ކުރުމުން އެމެރިކާގެ މިނިވަން ކަމަށް ހުރަސް އެޅޭ ކަމަށެވެ. އަދި އޭގެ ބަދަލުގައި އެމެރިކާއިން އެމީހުންގެ އަމިއްލަ ހިޖުރަ ކުރުމާ ބެހޭ ގަވާއިދު އެކުލަވާލާ އަމަލު ކުރަން ފަށާނެ ކަމަށް އެނާ ވިދާޅުވިއެވެ.

އެނާ ވިދާޅުވި ގޮތުގައި އެމެރިކާ އަށް ވަންނަ މީހުން ކަނޑައަޅާނީ ހަމަ އެކަނި އެމެރިކާ ރައްޔިތުން ކަމަށެވެ.
އެމެރިކާއިން މި އެއްބަސްވުމުން ވަކިވެގަތުމުން އ.ދ ޖެނެރަލް އެސެމްބްލީ ރައީސް މިރޮސްލާވް ލަޖަކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމެރިކާ ނިންމުމާ މެދު ދެރަވާ ކަމަށެވެ.

އެމެރިކާގެ މައިގްރޭޝަން ގަވާއިދު ތަކާ އަދި ހާއްސަކޮށް މިހާރުގެ ރައީސް ޑޯނަލްޑް ޓްރަމްޕް ރެފިއުޖީންނާ މެދު ގެންގުޅޭ ސިޔާސަތު ތަކަށް ވަނީ ދުނިޔޭގެ ގައުމު ތަކުން ފާޑު ކިޔާފައެވެ.

މިއީ މި އަހަރުތެރޭ އެމެރިކާ ސަރުކާރުން ވަކިވެގަތް 4 ވަނަ މުއާހަދާ އެވެ. މީގެ ކުރިން އެމެރިކާއިން ވަނީ ޕެރިސް ކްލައިމެޓް އެގްރިމެންޓް، ޓްރާންސް ޕެސިފިކް ޕާޓްނާޝިޕް އަދި ޔުނެސްކޯ އިން ވެސް ވަކިވެގަނެފައެވެ.

ޓެގު