English Edition
Dhivehi Edition
ޑރ.މުއިއްޒު /ފޮޓޯ:ޕީޕީއެމް

ޕީއެންސީގެ ސަރުކާރު ވެގެން ދާނީ އިސްލާމްދީނާއި ދިވެހި ގައުމިއްޔަތަށް އިސްކަންދޭ ވެރިކަމަކަށް، ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވިއްޖެއެވެ،

ރާއްޖެ އިސްލާމްވި ދުވަހާއި ގުޅުވައިގެން އިންތިހާބީ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރާއްޖެ އިސްލާމްވީތާ 897 އަހަރު ފުރޭ މުނާސަބުގައި ތަހުނިޔާ އާއި މުބާރަކްބާދު ދިވެހި ރައްޔިތުންނަށް އަރިސްކުރާކަމަށެވެ. އިސްލާމްދީނުގެ މަތިވެރި އަގީދާއާ ތެދުމަގުގައި ދިވެހި އުންމަތް ތާއަބަދަށް ލެހެއްޓުވުން އެދި ކީރިތި ﷲ ގެ ހަސްރަތުގައި ދުއާ ދަންނަވާކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.

އިސްލާމްދީން މަތީ ދިވެހިން ފައިތިލަ ސާބިތުކުރިތާ ހިޖުރީގޮތުން 9 ގަރުނު ފުރިހަމަވާން ބާކީ އޮތީ ތިން އަހަރުކަން ފާހަގަކުރަމުން އެ ބަޔާނުގައި ބުނެފައިވަނީ ގައުމަށް އެންމެ ހެޔޮ ބަދަލެއް ގެނުވި ތާރީހީ ހާދިސާއަކީ ރާއްޖޭ އިސްލާމްވުން ކަމަށެވެ. މީގެ އިތުރުން އެ ބަޔާނުގައި ވަނީ ދިވެހީންގެ މިނިވަންކަމާ، ރިވެތި އާދަކާތަކާ، މުއްސަނދި ސަގާފަތާ އެއްބައިވަންތަކަމުގެ ހަގީގީ ނާރެހަކީ ވެސް މާތްވެގެންވާ އިސްލާމްދީން ކަމަށެވެ. އަދި ވޭދުވެދިޔަ ދިގު މާޒީގައި ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި މި ގައުމު ދެމިތިބި ކަމީ މުޅި ދުނިޔެއަށް ނަމޫނާއެއްކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިއަދު ދުނިޔޭގައި ފިކުރީ ގޮތުންނާއި އިގްތިސޯދީގޮތުންނާއި އިސްތިރާތިޖީ ގޮތުން ވެސް ތަފާތު އެކި ގޮންޖެހުންތައް ކުރިމަތީގައި ހުރިއިރު އެ އިން ކޮންމެ ގޮންޖެހުމަކާ ވެސް ދިވެހި ގައުމު އިސްކޮށްގެން ދިވެހީންގެ މަސްލަހަތު ކުރިއަށް ނެރެގެން ކުރިމަތިލުމަކީ ރައްޔިތުން އެދޭގޮތް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ،