English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސްގެ ސްޓާޓަޕް ގްރާންޓް 2023 ވަނަ އަހަރުގެ ލިބޭ 2 ވިޔަފާރި ހޮވައިފިއެވެ.

މި ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ކުރިއެރުވުމަށް ހިލޭ އެހީގެ ގޮތުގައި 500،000 ރުފިޔާ ލިބޭ ގްރާންޓެކެވެ.

ބީއެމްއެލް އިން ބުނީ ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ދެ ފަރާތަކީ އާމިނަތު ހަމީދު އާއި ސަންފާ ނަޒާހަތު އަހުމަދު ކަމަށެވެ.

މީގެ ތެރެއިން އާމިނަތު ހަމީދަށް ގްރާންޓު ލިބެނީ (މޯލްޑިވިއަން ޕެޓިސިއޭ) ފެންވަރު ރަނގަޅު އަދި ތަފާތު ވައްތަރުގެ ބޭކްސް އަދި ޕޭސްޓްރީ ލިބޭ ބޭކަރީއެއް ގާއިމުކުރުމަށް ކަމަށާއި ސަންފާ ނަޒާހަތު އަހުމަދު (ނަޒާހެލްތް) އަށް ގްރާންޓު ލިބެނީ ޅ. ނައިފަރުގައި ފިޒިކަލް ރިހެބިލިޓޭޝަން ގެ ހިދުމަތް ގާއިމުކުރުމަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މިކަމާއި ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ދެކެންބޭނުންވަނީ މުޖުތަމައަށް ހެޔޮ ބަދަލުތަކެއް އައިސް މި ވިޔަފާރިތަކުގެ ސަބަބުން އައު ފުރުސަތުތަކެއް ފަހިވާ މަންޒަރު ކަމަށެވެ.

“” މޮޅު ޕިޗްތަކާ އެކު މި ގްރާންޓް ކާމިޔާބު ކުރި ފަރާތްތަކުގެ ހުށަހެޅުންތަކުގެ ފެންވަރަށް ސާބަސްދެން. މި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް.” އޭނާ ވިދާޅުވިއެވެ.

ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ފަރާތްތައް ހޮވާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ގެންދެވުނު ވަރަށް ވާދަވެރި އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހުގައެވެ.

ފުރުތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ރަނގަޅުކަމަށް ފާހަގަ ކުރެވުނު 10 ފަރާތްވަނީ ޝޯޓްލިސްޓްކޮށްފައެވެ. އަދި ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން ވަނީ އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން އިވެލުއޭޝަން ކޮމިޓީއަށް ހުށަހަޅާފައެވެ.