އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ މޫނު ބުރުގާއާ ގުޅޭގޮތުން ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފިއެވެ.
އަރަބިއްޔާ ސްކޫލު ކުދިންނަށް، އެ ސުކޫލުން ދީފައިވާ ހުއްދައެއްގެ ދަށުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދެވޭގޮތަށް އޮއްވާ މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުދެވޭނެކަން ކުދިންނަށާއި އަދި ބެލެނިވެރިންނަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ.
އެ ސްކޫލްގެ ބައެއް ބެލެނިވެރިންގެ ފަރާތުން މިދިޔަ އެޕްރީލްމަހުގެ ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މި މައްސަލަ ވަކި ގޮތަކަށް ނިމެންދެން އަރަބިއްޔާގެ ދަރިވަރުންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިޔުން މަނާ ނުކުރެވޭނެ ކަމަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ. މިކަމާ ގުޅިގެން ސިވިލް ކޯޓުން ވަނީ ވަގުތީ އަމުރަށް އެދިފައިވާ އިރު، އިޖުރާއީ ކަންކަމުގެ ތެރޭގައި ވަގުތީ އަމުރަކަށް އެދޭ ފޯމުގައި ވަގުތީ އަމުރުގެ ބާވަތް ފާހަގަ ކޮށްފައި ނުވާ ކަމަށެވެ. އަދި އެ ފޯމާ އެކު ހެކިބަހުގެ ބަޔާން ހުށަހަޅާފައި ނުވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.
ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުންވެސް ވަނީ ދަށު ކޯޓުގެ ވަގުތީ އަމުރާ މެދު ނިންމި ގޮތް ބާތިލްކުރަންޖެހޭ ފަދަ ގާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅާފައެވެ.