English Edition
Dhivehi Edition
ޕީއެންސީމަޖިލީހުގެ ބައްދަލުވުން/ފޮޓޯ ޕީއެންސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސަކަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވައި މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސައިފިއެވެ.

މިރޭ ބޭއްވި ޕީއެންސީގެ މަޖިލީހުގެ ބައްދަލުވުމުގައި އެޕާޓީގެ ރައީސަކަށް މުއިއްޒު ހަމަޖެއްސި އިރު، ނައިބު ރައީސަކަށް ހަމަޖައްސާފައިވަނީ އިންތިޚާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. އެޕާޓީގެ ޗެއާޕާސަން ކަމަށް ހަމަޖެއްސެވީ ޕީއެންސީގެ ރައީސްކަމުގައި މިއަދާއި ހަމަޔަށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ.

ޕީއެންސީގެ މަޖިލީހުގައި 50 މެމްބަރުން ހިމެނޭއިރު މިރޭގެ ޖަލްސާގައި 41 މެމްބަރަކު ބައިވެރިވެފައިވެއެވެ. މިރޭ ހޮއްވެވި މަގާމުތަކަށް ބޭފުޅުން އިންތިހާބުކޮށްފައިވަނީ 40 މެމްބަރުންގެ އިއްތިފާގުންނެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށްޓަކައި ޑރ. މުއިއްޒު އެޕާޓީއާ ގުޅިވަޑައިގެންނެވީ އޮގަސްޓް މަހުގެ ތިން ވަނަ ދުވަހުއެވެ. އަދި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ޕީއެންސީއާ ގުޅިވަޑައިގަތީ އިންތިހާބުގެ ކުރިން ކަމަށް އެޕާޓީން ބުނެއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު އުފެއްދި ސިޔާސީ ޕާޓީ އެކެވެ. އެ ޕާޓީ އުފެއްދީ، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު އުފެއްދެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ އެތެރޭގައި އުފެދުނު މައްސަލަތަކުގެ ތެރޭގައި އެ ޕާޓީ އޮއްވައި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވުމާ އެކު، ޝަރުއީ ކޯޓުން އެ ޕާޓީ، ކުރީގެ ޒައީމް މައުމޫނުއާ ހަވާލުކޮށްފާނެ ކަމުގެ ބިރު އޮތުމުންނެވެ. ނަމަވެސް ޔާމީނަށް ޕީޕީއެމް ގެއްލިގެން ނުދިޔުމުން، ޕީއެންސީން ޕީޕީއެމްއާ އެކު އިއްތިހާދެއް ހަދައިގެން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރި އެވެ. ޕީއެންސީން އެ އިންތިހާބުގައި ކާމިޔާބު ކުރީ މާވަށު ދާއިރާ އާއި މަޑުއްވަރީ ދާއިރާ އަދި ފެލިދޫ ދާއިރާ އެވެ. ޕީއެންސީ އާއި ޕީޕީއެމް ހިންގަމުން ދަނީ އެއް ޕާޓީއެއްގެ ގޮތުގަ އެވެ. ބޭނުންކުރަނީ އެއް އޮފީހެކެވެ. ބޮޑެތި ނިންމުންތައް ނިންމަނީ ދެ ޕާޓީގެ ސެނެޓު ގުޅިގެންނެވެ.

ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރައްވައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި، ޑރ.މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ 129,159 ވޯޓުންނެވެ. އެއީ 54 ޕަސެންޓެވެ. އެމްޑީޕީގެ ކެންޑިޑޭޓުގައި ނިކުމެ ރިޔާސީ ރޭހުގައި ވާދަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 109,868 ވޯޓެވެ. އެއީ 45 ޕަސެންޓެވެ.