English Edition
Dhivehi Edition

ޕީއެންސީގެ ސަރުކާރު ވެގެންދާނީ ކައުންސިލްތަކަށް ވަރަށް ފަހި ސަރުކާރަކަށް ކަމަށް މާލޭ ސިޓީގެ މޭޔަރ އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ 17 ނޮވެމްބަރަށްފަހު އައު ސަރުކާރު ވެގެންދާނީ ކައުންސިލްތަކަށް ވަރަށްފަހި ޙަޤީޤީ މާނައިގަ ލާމަރުކަޒީ ނިޒާމް ޗެމްޕިއަން ކުރެވިގެންދާ ސަރުކާރަކަށް ކަމަށެވެ.

ކައުންސިލްގެ 119 ވަނަ ޖަލްސާގައި ޑރ. މުޢިއްޒު ވަނީ މާލެ ސިޓީކައުންސިލަށް ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކުރިއަށް ނުގެންދެވުނު މުހިންމު ކަންކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ލޭންޑް ޔުސް ޕްލޭން ފާސް ނުވި ކަމާއި، ކުންފުނި ރަޖިސްޓްރީ ނުކޮށްދެއްވާ ކަމާއި، ޕާކިންގ ބިލްޑިންގތައް އަޅަންއުޅެ އެ ހުއްދަވެސް ނުދެއްވިކަމާއި، މަގު ހެދުމުގު މަޝްރޫޢު ސިޓީކައުންސިލް އަތުން އަނބުރާ ގެންދިއުން ޑރ. މުޢިއްޒު ފަހަގަކުރެއްވިއެވެ.

މާލެސިޓީ ކައުންސިލެކޭ އެއްފަދައިން ރާއްޖޭގެ ގިނަ ކައުންސިލްތަކުގައި މިފަދަ މުހިންމު ކަންކަން ކުރިއަށް ގެންދިއުމުގައި ދިމާވެފައިވާ ދަތިތަކަށް އަލި އަޅުއްވާލައްވާ ޑރ. މުޢިއްޒު ވިދާޅުވީ ނޮވެމްބަރު 17 ގެ ފަހުން އެމަނިކުފާނު ސަރުކާރާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ފެނިގެންދާނީ ކައުންސިލްތަކުގައި މަޑުޖެހިފަ ހުރި ކަންކަން ބާރަށް ހިނގާތަން ކަމަށާއި، ރައްޔިތުން އިންތިޚާބުކޮށްފައިތިބި ލޯކަލް ކައުންސިލަރުންގެ ދައުރު ފުރިހަމައަށް އަދާ ކުރުމުގެ ފުރުޞަތު އެމަނިކުފާނުގެ ސަރުކާރެއްގައި ލިބިގެންދާނެ ކަމަށެވެ.

މިއާއިއެކު ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާގެ ސަރުކާރު ވެގެންދާނީ ކައުންސިލްތަކަށް ވަރަށް ފަހި ސަރުކާރަކަށް ކަމަށާއި، އަދި ކައުންސިލްތައް ހިންގުމަށް ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.