English Edition
Dhivehi Edition
ފޮޓޯ: ޕީޕީއެމް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމައަށް ރާއްޖެއަށް ނާދެވޭ ގޮތަށް، ބްލެކް ލިސްޓުކުރީ ރާއްޖޭގެ ގާނޫނުތަކާ ހިލާފަށްކަމަށް ބުނާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ގާނޫނާއި ގަވާއިދާ ހިލާފަށް އެ އިދާރާގެ ތެރެއިން ލަންކާގެ ރައްޔިތެއްކަމަށްވާ ސްކީލަން ހުސެއިން އަށް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އެންޓްރީ ބްލޮކް ކޮށްފައިވާކަން ދާދި ފަހުން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާކަަމަށެވެ. އަދި އެވަގުތުން ފެށިގެން އެކަން ހިނގާފައިވާ ގޮތް ތަހުގީގުކުރަމުން އަންނަކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރި އެންމެ ގަދަވެފައިވާ މި ދުވަސްވަރު އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓާ ގުޅޭ ގޮތުން ‘އަދަދު’ ނޫހުން ވަނީ ޑޮކިއުމެންޓްރީއެއް ގެނެސްދީފައެވެ. މިގޮތުން ޑރ. މުއިއްޒުގެ ބައްޕަ، ޝެއިހް ހުސައިން އަބްދުއްރަހުމާން 2015 ވަނަ އަހަރު ނިޔާވުމަށް ފަހު މުއިއްޒުގެ ދޮންމަންމަ ސްކީލަން ޑީޕޯޓުކޮށްލީ ގަވާއިދާ ހިލާފަށް މީހުން އެތެރެކުރާ ކަމުގެ ތުހުމަތުގައިކަމަށް އެ ޑޮކިއުމެންޓްރީގައި ވަނީ ބުނެފައެވެ.

މުއިއްޒުގެ މައްޗަށް ކޮށްފައިވާ މި ތުހުމަތުކާ ގުޅިގެން އޭނާ ވިދާޅުވީ ކަންބޮޑުވެވަޑައިގަންނަވާން ޖެހިވަޑައިގަންނަވާ ކަމެއް ނޯންނާނެ ކަމަށާއި ޖަވާބު ނުދެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި އޭނާ އަކީ ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކުރެއްވި ބޭފުޅެއް ނޫންކަމަށާ އެފަދަ ކަމެއް ނުކުރައްވާނެކަމަށް މުއިއްޒު ވަނީ ވިދާޅުވެއެވެ.