English Edition
Dhivehi Edition
ޑރ.މުއިއްޒު ފުވައްމުލައް ސީޓީއަށް ވަޑައިގަތުން /ފޮޓޯ:ޕީޕީއެމް

އެއްވެސް މީހެއްގެ ހައްގަކަށް އަރައިގަނެ، މީހަކަށް އަނިޔާވެރި ވެފައި ނުވާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުއިއްޒު މިހެން ވިދާޅުވީ ރޭ ފުވައްމުލަކު ސިޓީއަށް ވަޑައިގެން އެ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، “އަދަދު” ނޫހުގައި އޭނާގެ ދޮންމަންމައާ ގުޅުވާ ޝާއިއުކޮށްފައިވާ ހަބަރާ ގުޅިގެންނެވެ.

މި ގޮތުން ޑރ.މުއިއްޒު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތައް ރައްޔިތުން ބަލައިނުގަތުމުން ދެން ދައްކާނެ ވާހަކައެއް ނެތިގެން ޒާތީ ގޮތުން ދިމާކުރަން ފަށާފައިވާ ކަމަށާ އެކަމުގައި އެއްވެސް ފަރުވާލެއް ނެތް ކަމަށެވެ. އަދި ރަނގަޅީ ވެސް އެކަންކަން އެގޮތަށް ކުރިއަށް ގެންދިއުންކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

އިތުރަށް ޑރ.މުއިއްޒު ވިދާޅުވީ ކިތަންމެ ވަރަކަށް ޒާތީ ވާހަކަދެއްކިޔަސް ބޭރު ސިފައިން ނެތް ކަމަކަށް ނުވާނެ ކަމަށާއި ކިތަންމެ ވަރަކަށް ހަދަހަދައިގެން ވާހަކަދެއްކިޔަސް ކަނޑު ވިއްކާ ނުލާ ކަމަކަށް ވެސް ނުވާ ކަމަށެވެ. އަދި ކިތަންމެ ވަރަކަށް ދޮގު ވާހަކަ ފެތުރިޔަސް އިގްތިސޯދު އަނދަވަޅަކަށް ވައްޓާލާ، ވަކި ގައުމަކަށް އަޅުވެތިވެފައި ނުވާ ކަމަށް ވެސް ނުވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

“އަޅުގަނޑު އަބަދުވެސް ދަންނަވަމުން މި ގެންދަނީ އަޅުގަނޑު ގަބޫލު ކުރާ ހަމައަކީ އަދި ކަން ކުރާ ހަމައަކީ ކޮންމެ ދުވަހަކު ގެއަށް ގޮސް އަރާމުގައި އަޅުގަނޑަށް ނިދާލެވެން ޖެހޭނެއޭ، ހިތަށް ހިތްހަމަޖެހުން ލިބެން ޖެހޭނެއޭ އެއްވެސް މީހެއްގެ ހައްގަކަށް އަރައިނުގަންނަ ކަމުގެ ޔަގީންކަމާ އެކުގައި،” ޑރ.މުއިއްޒު

އަދަދު ނޫހުން ގެނެސްދިން ހަބަރާ ގުޅިގެން ޑރ.މުއިއްޒު ވިދާޅުވީ ކަންބޮޑުވެވަޑައިގަންނަވާން ޖެހިވަޑައިގަންނަވާ ކަމެއް ނޯންނާނެ ކަމަށާއި ޖަވާބު ނުދެއްވޭނެ އެއްވެސް ކަމެއްވެސް ނޯންނާނެ ކަމަށެވެ، ދުވަހަކުވެސް އެއްވެސް މީހެއްގެ ހައްގަކަށް އަރައިގެންފައި ނުވާނެކަން ފާހަގަކުރައްވަމުން ޑރ.މުއިއްޒު ވިދާޅުވީ އޭނާ އަކީ ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކުރެއްވި ބޭފުޅެއްނޫންކަމަށާ ދުވަހަކުވެސް އެ ފަދަ ކަމެއް ނުކުރައްވާނެކަމަށެވެ.

މީގެ އިތުރުން ޑރ.މުއިއްޒު ވަނީ އޭނާގެ މައްސަލައެއް އޮތްނަމަ ރަސްމީ އިދާރާތަކުން ބަލަން އެދިވަޑައިގެންފައެވެ. އަދި އެފަދަ މައްސަލަ ބަލައިފިނަމަ މާ ހިތްހަމަޖެހުން ލިބިވަޑައިގަންނަވާނެ ކަމަށާ އަދި އެ ހަދާ ހުރިހާ ދޮގުތަކެއް ފަޟީހަތް ވާނެކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.