English Edition
Dhivehi Edition
ޑރ.މުއިއްޒު ތިނަދޫ އަށް ވަޑައިގަތުން /ފޮޓޯ:ޕީޕީއެމް

ޕީއެންސީގެ ވެރިކަމެއްގައި ގދ.ތިނަދޫގައި 1،000 ހައުސިން ޔުނިޓު އަޅާނެކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ތިނަދޫ އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ތިނަދޫގައި އޮތް އާބާދީ އާއި އެރަށުގެ މުސްތަގުބަލަށް ބަލައި 1،000 ހައުސިން ޔުނިޓު އެ ރަށުގައި ގާއިމުކުރައްވާނެ ކަމަށެވެ. ޕީއެންސީގެ ވެރިކަމެއްގައި ތިނަދޫގެ ތަރައްގީއަށް ގިނަ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމެއްގައި އެ ރަށުގައި ހިންގަވާނީ ތަރައްގީ އާއި އާބާދީ އެއްފަސްކުރުމުގެ ވިސްނުމެއް ކަމަށެވެ.

އެގޮތުން އެ ރަށުގެ ހިއްކި ބިމުގައި ހައުސިން ޔުނިޓުތައް ގާއިމުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ތަރައްގީ އާއި އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ތިނަދޫގައި އަޅާ ހައުސިން ޔުނިޓުތައް ތިނަދޫ ރައްޔިތުންގެ އިތުރުން އެހެން ރަށްރަށުގެ ރައްޔިތުންނަށް ވެސް ތިނަދޫގައި ވަޒަންވެރިވެ، އެ ހައުސިން ޔުނިޓުތަކުން ޖާގަ ލިބިގެންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އެ މައްސަލައަކީ އެހެނިހެން މައްސަލަތަކުގެ އަސްލު މަސްދަރުކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ އެންމެ ބޮޑު އިސްކަމެއް ދޭ އެއްކަން ކަމަށެވެ.