English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް އެމްވީ

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެއްކޮށް، މާލޭއިން ތިން މީހުން ހައްޔަރުކޮށްފިއެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މާރިޗު މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ / ނަސީމީގެ، މުޙައްމަދު ޝާނީޒް (46އ) އާއި މާލެ، މ. ސައިރިއަސް، މުޙައްމަދު ޠިބާޤް (39އ) އާއި ވ. ރަކީދޫ / ޖަންބުގެ، ފަރީދާ ޢަބްދުއްރަޙްމާން (35އ) އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް މާފަންނު ގެ އެއްގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާއިރު މި ތަކެތީގެ ވަގުތީ ބަރުދަން 1.5 ކިލޯއަށް ވުރެ ގިނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ޠިބާޤް (39އ) އާއި ފަރީދާ ޢަބްދުއްރަޙްމާން (35އ) 15 ދުވަހަަށް އަދި މުޙައްމަދު ޝާނީޒް (46އ) ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.