English Edition
Dhivehi Edition

ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އީސީން ބުނީ، ބުރާސްފަތިދުވަހު އެ ގަރާރު، އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ކަމަށާއި އެކަމާއި މެދު، އިލެކްޝަންސް ކޮމިޝަނުން ޢަމަލު ކުރާނޭގޮތުގެ ގާނޫނީ ލަފާ މިހާރު ކޮމިޝަނުން ހޯދަމުންދާކަމަށެވެ.

ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމާއި ގުޅޭގޮތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށައެޅުއްވި މި ޤަރާރަށް މުޅި މަޖިލީހުގެ ކޮމިޓީން ގެނައި އިސްލާޙުތަކާއެކު ބުދަ ދުވަހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. މި ޤަރާރުގައި ޑިމޮކްރެޓްސް އިން ވަކާލާތު ކުރަމުން އަންނަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ޖެހޭ ކަމަށެވެ.

އަދި އޮކްޓޫބަރު މަހުގެ 30 ގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓު ނެގުމަށް ވެސް އެ ގަރާރުގައި ވެއެވެ.

އިންތިޚާބުތަކާ ބެހޭ އާއްމު ގާނޫނުގައި ބުނާގޮތުން އިންތިޚާބެއް ބޭއްވުމަށްޓަކައި 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އީސީއަށް ލިބެންޖެހޭނެއެވެ. އީސީން ބުނީ ގާނޫނީ ގޮތުން އެ ކޮމިޝަނުން ކުރަން ލާޒިމް ކުރާ ކަންތައްތަކެއް ހުންނަ ކަމަށެވެ. އޭގެ ތެރޭގައި ވޯޓުލާ މީހުންނަށް ރީ ރަޖިސްޓްރީވުމުގެ ފުރުސަތު ދިނުމާއި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ދިނުންފަދަ އެތައް ކަމެއް ހުންނަ ކަމަށް ބުންޏެވެ. އަދި، މިފަދަ އިންތިޚާބެއް ބޭއްވުމަށް 40 މިލިއަން ރުފިޔާ އާއި 50 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.