English Edition
Dhivehi Edition

އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑްގެ ބެލުމުގެ ދަށުގައި އައްޑޫ ސިޓީ ގަމުގައި އޮންނަ ހެލިކޮޕްޓަރުން، ރޭގަނޑު ކުރިއަށް ގެންދިޔައީ ޓެސްޓު ދަތުރުތަކެއް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ގަމުގައި އެމްއެންޑީއެފް ސަދަން އޭރިޔާ ކޮމާންޑްގެ ބެލުމުގެ ދަށުގައި އޮންނަ އެމްއެންޑީއެފް ހެލިކޮޕްޓާ ރޭގަނޑުގެ ވަގުތުގައި އާދަޔާ ހިލާފު ގޮތަކަށް އޮޕަރޭޓް ކުރަމުން އަންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވެފައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ރޭގެ ވަގުތެއްގައި ސ.ގަމުގައި އޮންނަ އެމްއެންޑީއެފްގެ ހެލިކޮޕްޓަރގެ ޓެސްޓް ފްލައިޓެއް ބާއްވާފައިވަނީވެސް މިއުސޫލުން އެމްއެންޑީއެފްއިން ހުއްދަދީގެން އެމްއެންޑީއެފް ސަދަން އޭރިޔާ ކޮމާންޑްގެ ބެލުމުގެ ދަށުންކަމަށެވެ.

އިތުރަށް އެމްއެންޑީއެފް އިން ބުނީ ރޭގަނޑުގެ ވަގުތުތަކުގައި ހެލިކޮޕްޓަރ އޮޕަރޭޓްކުރުމަކީ ސަލާމަތާއި ރައްކާތެރިކަމުގެގޮތުން ބަލާއިރު ނުރައްކާތެރިކަން ބޮޑު ކަމަކަށްވާތީ، ހެލިކޮޕްޓަރގެ އެކިއެކި އިންސްޓްރުމެންޓްސްގެ އޮޕަރޭޝަނަލް ރެޑިނަސް ހިފެހެއްޓުމަށާއި ޕައިލެޓުން ރޭގަނޑުގެ އޮޕަރޭޝަންތަކަށް އަހުލުވެރިވުމަކީ ގަވައިދުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ހެލިކޮޕްޓަރުން ބަލިމީހުން އުފުލުމުގައި ރޭގަނޑުވެސް ދަތުރުތައް ކުރަންޖެހޭކަން ފާހަގަކޮށް އެމްއެންޑިއެފް އިން ބުނީ މި އޮޕަރޭޝަނަލް ރެޑިނަސް ހިފަހައްޓައި، ރޭގަނޑުގެ އޮޕަރޭޝަންތަކަށް ޕައިލެޓުން ފަރިތަވެ އަހުލުވެރިވުމަކީ ހެލިކޮޕްޓަރުން ދަތުރުކުރާ އެންމެހާ ފަރާތްތަކުގެ ސަލާމަތަށްވެސް ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށެވެ.

އެހެންކަމުން ކަނޑައެޅޭ ތާވަލެއްގެ ތެރެއިން ދުވާލާއި ރޭގަނޑުގެ ވަޤުތުތަކުގައި ހެލިކޮޕްޓަރތައް ސްޓޭޝަން ކުރެވިފައިވާ އެމް.އެން.ޑީ.އެފްގެ އޭރިޔާ ކޮމާންޑްތަކުގައި ޓެސްޓް ފްލައިޓްތައް ކުރިއަށް ގެންދާކަމަށް އެ މުވައްސަސާއިން ވަނީ ބުނެފައެވެ.