ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ތުހުމަތުކުރައްވާ ފަދައިން މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތުމުގައި އެ މަނިކުފާނުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭނަށް ހެންވޭރުގެ ގޭގެއަށް ދޮރުން ދޮރަށް ފަށްޓެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަޖިލިސް ހުއްޓިފައި އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެފަދަ އެއްވެސް ކަމެއްގައި އެމަނިކުފާނުގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށާ ވަގުތު ހަމަވިއިރު، ކޯރަމް ހަމަވާ މިންވަރަށް މެންބަރުން ތަޅުމުގައި ނެތުމުން، އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައި ރައީސް ނަޝީދު ވަނީ އެކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ރައީސް ޞާލިޙް ކަމަށް ވިދާޅުވެފައެވެ.
“އަޅުގަނޑު 25 އަހަރު އުޅެފައި ހުރި މީހެއް މިއީ މަޖިލީހުގައި. މަޖިލީހުގައި ކަންތައްތައް ހިނގާ ގޮތް އެނގޭ. މަޖިލީހުގެ ކަންކަން ވާ ގޮތް އެނގޭ. އަޅުގަނޑު އޭގެ ތެރެއަށް ހަމަގައިމު ވެސް ނުވަންނަން”
ރައީސް ވިދާޅުވީ ބައެއް ޖަލްސާތަކަށް ހުރިހާ މެމްބަރުންނަށް ހާޒިރުނުވެވި ދިއުމަކީ ވެދާނެކަމެއްކަމަށެވެ. އެއީ މަޖިލިސް ހުއްޓިފައި އޮތުމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ސޮއި ކުރައްވާ، ރައީސް ޞާލިޙްއަށް އިއްޔެ ފޮނުއްވި ސިޓީގައި ނަޝީދު ވަނީ ދިވެހި ދައުލަތް ހުއްޓުވާލެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
އެގޮތުން ދިވެހި ދައުލަތުގެ ބާރުތައް ރައީސްގެ އަތްޕުޅު މައްޗަށް ނަންގަވައި ދިވެހި ދައުލަތް ހުއްޓުވުމަށް ކުރައްވާ މަސައްކަތް ހުއްޓާލެއްވުމަށް ނަޝީދު ވަނީ ގޮވާލައްވައިފައެވެ. އަދި، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ މަނިކުފާނު އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމިހުންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ސިޓީއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެ ސިޓީ އަދި މިހާތަނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.