English Edition
Dhivehi Edition
ފޮޓޯ: ޕީޕީއެމް

ކުޑަރަށެއް އަދި ބޮޑުރަށެއް ނުބަލާ މިހާރު މި އޮތް އެމްޑީޕީ ސަރުކާރުން ކުރީ ވައްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް ބީޗުގައި ރޭ ކުރިޔަށްދިޔަ ޕީޕީއެމް/ ޕީއެންސީގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝިޔާމް ވިދާޅުވީ މި ސަރުކާރުން ބޮޑެތި މަޝްރޫޢު ތަކުގެ ވާހަކަ ދައްކާއިިރު، ދޭއްވައުދުވި ކިރުތައްޓާއި ދޮންކެޔޮވަށް ވެސް ހަމައަށް ނުދެވުނުކަމަށާއި، އޭގެ ބަދަލުގައި ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ކުރީ ވައްކަންކަމަށެވެ.

އަދި އެކަން އެނގުނީ ކެމްޕެއިން ދަތުރުތަކުގައި ރާއްޖޭގެ ރަށްރަށަށް ދިއުމުން ކަމަށާއި ދިވެހި ދައުލަތުގެ މާލިއްޔާއިން، ރައްޔިތުންގެ ފައިސާއިން ހޭދަކޮށްގެން ރަށްރަށުގެ ތަރައްޤީއަށް މި ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ވެސް އަދި ނުނިމޭކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މި ހުރިހާކަމެއް ވެސް އުޅެނީ އަންނަނީ، އަންނަނީ، ނިމެނީ ނިމެނީގައިކަމަށާއި ވެރިކަމުގެ ފަސް އަހަރު ނިމުނުއިރުވެސް އެ އަންނަނީ އަކުން ނޭރިކަމަށެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ރަށްރަށުގައި ކުރިޔަށް ގެންދާ މަޝްރޫޢުތައް މި ސަރުކާރުން ބަހާލަނީ އެޑްވާންސްކޮށް ޕޭމަންޓު ދިނުމަށް ފަހު ކޮންމެވެސް ގާތް ބަޔަކަށް ކަމަށާއި، އަދި އެ ފަރާތްތަކަށް އެކަން ނުވެ އެތައް އަހަރެން ވާފަހުން ރަށުގެ ރައްޔިތުން އަޑުދަކޮށް ހަޅޭލާން ފެށުމުން ދެން އަނެއްކާވެސް އެ މަޝްރޫއުތައް ދެނީ ގާތް ކޮންމެވެސް އެހެން ބަޔަކަށް ކަމަށެވެ. މިހެން ގޮސް އެއްވެސް މަޝްރޫއެއް އަދިއަދަށް ދާންދެންވެސް ނިމިފައި ނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

” މި ސަރުކާރުން ބޮޑެތި މަޝްރޫއު ތަކުގެ ވާހަކަ ދައްކާނީ ކިހިނެއްތޯ. މިއުޅެނީ ކިރުތައްޓާއި ދޮންކެޔޮވަށްވެސް ހަމައަށް ނުދެވިގެން. ކުޑަ ރަށެއް ބޮޑުރަށެއް ނުބަލާ މިސަރުކާރުން ކުރީ ވައްކަން.” ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވިއެވެ.