English Edition
Dhivehi Edition

ވެރިކަން ކުރާ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ މިފަހަރުގެ ރިޔާސީ އިންތިޚާބުން ފެއިލްވެއްޖެއެވެ. އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީން ހީކުރިގޮތާއި ޚިލާފަށް ބޮޑުތަނުން ބަލިވެއްޖެއެވެ. ކުރިހޯއްދެވީ އިދިކޮޅު ޕާޓީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. މިއީ އެމްޑީޕީއަށް ހަޖަމް ނުވާނޭ ކަމެކެކެވެ. އެއްބުރުން އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރިހަމަ ޔަގީން ކަމާއި އެކު ނުކުތް އެމްޑީޕީ ބަލިވުމުންނެވެ.

ދެން އުފެދޭ ސުވާލަކީ ރައީސް ޞާލިހަށް މިފަހަރުގެ އިންތިޚާބު ކާމިޔާބު ކުރެވޭނޭ ހަމައެއް ވެސް ގޮތެއް ނެތީތޯއެވެ.؟ ގޮތް ހުސްވެ، ފަހަތައް ޖެހެންވީ ތޯއެވެ.؟ ގޮތް ދޫކޮށް، ދެވަނަ ދައުރެއްގެ އުންމީދު ކަނޑާލަން ވީތޯއެވެ.؟

މިއީ އަޅުގަނޑު އުފައްދާ ސުވާލުތަކެއް ނޫންނެވެ. މިއީ ހަމަ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އެމްޑީޕީގެ ސަޕޯޓަރުން އުފައްދާ ސުވާލުތަކެކެވެ. ރަނގަޅު ވާހަކައެއް ދަންނަވަންތޯއެވެ. އަޅުގަނޑުމެން އެންމެންނަށްވެސް އެގެއެވެ. މިފަހަރުގެ އިންތިޚާބަކީ މީގެ ކުރިން ބޭއްވުނު ރިޔާސީ އިންތިޚާބުތަކަށް ވުރެ އެތައް ގުނައެއް ތަފާތު އަދި ފޯރިގަދަ އިންތިޚާބެކެވެ. ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލެއްވި އިންތިޚާބެވެ. އަދި ގިނަ ބަޔަކު ހީނުކުރާހާ ތަފާތު ނަތީޖާއެއް ނުކުތް އިންތީޚާބެއްވެސް މެއެވެ. ކަންވާނީވެސް އެގޮތަށެވެ. ހުރިހާ ކެންޑިޑޭޓުންނަކަށް ކާމިޔާބެއް ނުލިބޭނެއެވެ. ކާމިޔާބު ލިބޭނީ ހަމަ އެންމެ ކެންޑިޑޭޓަކަށެވެ. މިއީ މިކަމުގެ އުސޫލު އޮންނަގޮތެވެ.

ނަމަވެސް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ޚިޔާލަށް އެއްޗެއް ބުނެލަން ތޯއެވެ. ރިޔާސީ އިންތިޚާބު އަދި ނުނިމެއެވެ. ފުރަތަމަ ބުރުން އިދިކޮޅު ޕާޓީގެ ކެންޑިޑޭޓް ޑރ މުއިއްޒު ކުރި ހޯއްދެވިނަމަވެސް، ދެވަނަ ބުރެއްވެސް އަދި އެބައޮތެވެ. އަމިއްލަ ބާރު ނެތްކަމަށް ހީވިނަމަވެސް އުންމީދު ކަނޑާލާ ފަހަތައް ނުޖެހޭށެވެ. އަދި ބަލި ގަބޫލުކުރާކަށް ގާތްވެސް ނުވެއެވެ. އެންމެ ފަހުވަގުތާއި ޖެހެން ދެންވެސް ހިތްވަރު ކުރުމަކީ އެންމެ ރަނގަޅު އަދި އެންމެ ބުއްދިވެރި ގޮތެވެ. ނަމަވެސް މިހާރު ވެރިކަން ކުރާ ޕާޓީ އެމްޑީޕީ އޮތީ ކަރުތާފެނުގައިކަން އެންމެނަށްވެސް އެނގެއެވެ. ނަމަވެސް އަދި އެއްކޮށް ނޭވާ ނުލެވިގެން ހާސްވެ ތެޅިބާލާ ހިސާބަށް އަޑިއަށްނުދެއެވެ. އެހިސާބަށް އަޑިއަށް ދިއުމަކީ މުޅިން ނުފެންނަ ވަރަށް އަޑިއަށް ދިއުމެވެ. ހިތްވަރު ކޮށްލާށެވެ. އަދި ފުރުސަތު އެބައޮތެވެ. މިއީ ވަކި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ބުނާ އެއްޗެއްނޫންނެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ބޮޑު އަޣުލަބިއްޔަތެއް ހޯދި އިދިކޮޅު ރިޔާސީ އެންމެ ބޮޑު ޕާޓީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުއަށް ވެސް ބުނެލާއެއްޗެކެވެ.

ދެން އޮތީ މުޅިން ތަފާތު އެހެން ވާހަކައެކެވެ. އިންތިޚާބު ކާމިޔާބު ކުރުމުގެ އަމިއްލަ ބާރު މިއިން އެއްވެސް ކެންޑިޑޭޓަކަށް ވެސް ނެތްވާހަކައެވެ. މާނައަކީ ކޮންމެ ޕާޓީއެއް ވިޔަސް މިފަހަރު އިންތިޚާބު ކާމިޔާބު ކުރެވެން އޮތީ ކޯލިޝަނަކާއި އެކުގައެވެ. ރަޢިސް ޞާލިހަށްވެސް އަދި ޑރ. މުއިއްޒުއަށް ވެސް ދެވަބުރުގައި ކޯލިޝަނަކަށް ދާން މިވަނީ މަޖުބޫރުވެފައެވެ. އިންތިޚާބު ކާމިޔާބު ކުރަން ބޭނުންނަމަ އިތުރު ޗޮއިސްއެއް އެއްވެސް ޕާޓީއަކަށް ނެތެވެ.

މިކަން ކުރަން އެބަޖެހެއެވެ. މިހާރު މިއޮތް ހާލަތުން ކޯލިޝަން ހަދަން މަޖުބޫރުވެއެވެ. ކޯލިޝަން ހަދަން ބަލާއިރު، ގިނަ ބަޔަކު ޔަގީންކުރާ ގޮތުގައި މިފަހަރު ޕީޕީއެމް/ޕީއެންސީ އަދި އެމްޑީޕީއަށް ވެސް އިންތިޚާބު ކާމިޔާބު ކުރެވެން އޮތީ މިފަހަރުގެ އިންތިޚާބުގެ ތިންވަނަ ހޯދި ރައީސް ނަޝީދު އިސްކޮށް ހުންނަވާ ހެއްދެވި ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް” ގެ ތާއީދާއި އެކުގައެވެ. މި ނޫން ގޮތެއް ނެތްކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. ސަބަބުވެސް ވަރަށް ސާފެވެ.

އެހެެނީ އިދިކޮޅު އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ ޕީޕީއެމް/ޕީއެންސީ އާއި އެމްޑީޕީ ފިޔަވައި މިފަހަރުގެ އިންތިޚާބުގައި އެންމެ ބޮޑު މެޖޯރިޓީ ޕަސަންޓޭޖެއް ހޯދީ ޑިމޮކްރެޓްސްއިންނެވެ. އުމުރުން ޅަފަތުގައި އޮތް ޕާޓީއެއް ނަމަވެސް ޑިމޮކްރެޓްސް މިފަހަރުގެ އިންތިޚާބުގައި ހޯދި ކާމިޔާބީން ގިނަ ބަޔަކު ހައިރާންކޮށްފިއެވެ. އެ ޕާޓީން މިފަހަރުގެ އިންތީޚާބުގެ ފުރަތަމަ ބުރު ނިމުނުއިރު، އިންތިޚާބުގެ ތިންވަނަ ހޯދީ ނެގި ވޯޓުގެ %7.17 ހޯދައިގެންނެވެ. ވޯޓުގެ އަދަދުން ބަލާނަމަ އެއީ 15،633 ވޯޓެވެ. މި އަދަދަކީ މިފަހަރުގެ ވެރިކަން ކޮންމެ ކޮޅަކަށް ފުރޮޅާލިޔަސް ފުރޮޅާލުމުގެ ބާރު ލިބިގެންވާ އަދަދެކެވެ. އެހެން ކަމުން އެންމެންގެ ސަމާލުކަން ހުއްޓި، އިންތިޒާރު ކުރަމުން ގެންދަނީ މިފަހަރުގެ އިންތިޚާބުގައި ތިންވަނަ ހޯދި ރައީސް ނަޝީގެ ޕާޓީ ޑިމޮކްރެޓްސް އިން ނިންމާނޭ ގޮތެއްގެ މައްޗަށެވެ. ހަޤީޤަތުގައިވެސް މިއީ ބޮޑު ނިންމުމަކަށް ވާނެއެވެ. ރާއްޖޭގެ ގިނަ ބަޔަކު ބުނާގޮތުގައި މިފަހަރުގެ އިންތިޚާބުގެ :ކިންގް މޭކަރ” އަކީ ރައީސް ނަޝީދުގެ ޕާޓީ ކަމުގައިވާ “ދަ ޑިމޮކްރެޓްސް” އެވެ.