English Edition
Dhivehi Edition

އިޒްރޭލުގެ މިސައިލް ހަމަލާތަކެއް ދިމިޝްކް ކައިރީ އަސްކަރީ ސަރަހައްދަކަށް އަމާޒުވެ ސީރިއާގެ ވައިގެ ދިފާއި ނިޒާމުން އެއިން ދިފާއު ވެފައިވާ ކަމަށް ސީރިއާ ސްޓޭޓް ޓީވީން ބުނެފިއެވެ.

މި ހަމަލާގެ ސަބަބުން ކުދި ކުދި ގެއްލުންތަކެއް ވެފައިވެފައިވާ ކަމަށް ސީރިއާ ގައުމީ ޓިވީން ބުނެއެވެ. ނަމަވެސް މި ހަމަލާއާއި ބެހޭ ގޮތުން އިޒްރާއިލުގެ އަސްކަރީއްޔާ އެއްވެސް އެއްޗެކޭ ބުނުމަށް ވަނީ ދެކޮޅު ހަދާފައެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ރިޕޯޓު ކޮއްފައިވާ ގޮތުގައި މި ހަމަލާ ދީފައިވާ ކަމަށް ބެލެވެނީ އިޒްރާއިލުން ކަމަށެވެ. އަދި މި ހަމަލާ އަމާޒު ވެފައިވަނީ ދިމިޝްކުގެ ހުޅަނގު ދެކުނުގައި ތިބި އަސްކަރީ މަރުކަޒު ތަކަށް ކަމަށް ބެލެވެއެވެ.

އަލްޖަޒީރާއިން ރިޕޯޓު ކޮއްފައިވާ ގޮތުގައި މި ހަމަލާ އަމާޒު ވެފައިވާނީ ސީރިއާ ސަރުކާރު ސިފައިންނަށާއި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަ ވެރިންނަށް ކަމަށް ބެލެވޭ ކަމަށެވެ.
ސިރިއާގެ ސަރުކާރު ޓީވީ ކަމަށްވާ ސަނާ ނިއުސް އެޖެންސީ އިން ބުނެފައި ވަނީ މި ހަމަލާގެ ރައްދުގައި ދެވުނު ހަމަލާގައި އިޒްރޭލުގެ ދެ މިސައިލް ހުއްޓުވައިފައިވާ ކަމަށެވެ.

މި ހަމަލާތަށް ބެލެވެނީ އިޒްރާއިލުން ސީރިއާއަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ދެވުނު އިތުރު ހަމަލާއެއްގެ ގޮތުގައެވެ. މި އަހަރު ކުރީ ކޮޅު އިޒްރޭލުގެ އޮފިޝަލަކު ވަނީ ހިޒްބުﷲ ޖަމާއަތުން ސީރިއާގެ ތެރޭގައި ހަރަކާތްތެރިވުން ކުރިއަށް ގެންދާ ނަމަ ރައީސް ބަޝާރުލް އައްސަދުގެ ގެކޮޅަށްވެސް ހަމަލާ ދޭން ޖެހިދާނެ ކަމަށް ބުނެފައެވެ.