ހޮންޑިއުރަަސްގައި އެގައުމުގެ ރިޔާސީ އިންތިހާބާއި ގުޅިގެން ހިނގަމުންދާ ހަމަ ނުޖެހުމުގެ ސަބަބުން އެގައުމުގައި ކާފިއު އިއުލާން ކޮއްފިއެވެ.
ހޮންޑިއުރަސްގައި މިވަގުތު ހިނގަމުންދާ ރިޔާސީ އިންތިހާބުގައި ވޯޓު ގުނަމުންދާ އިރު ގައުމުގައި ވަނީ ސިޔާސީ ހަމަނުޖެހުންތަށް އިތުރު ވެފައެވެ. އެގޮތުން މިހާތަނަށް މި ހަމަ ނުޖެހުންތަކުގައި އެކަކު ވަނީ މަރުވެފައެވެ.
އެގައުމުގެ ސަރުކާރުން ވަނީ މުޅި ގައުމުގައި ކުރިއަށް އޮތް ދިހަ ދުވަހަށް ކާފިއު އިއުލާން ކޮއްފައެވެ. މީގެ އިތުރުން ފުލުހުންނާއި ސިފައިނަށް ޤާނޫނީ ގޮތުން ލިބިދީފައިވާ ބާރުތަށް ވަގުތީ ގޮތުން ވަނީ އިތުރު ކޮއްފައެވެ.
ވޯޓު ގުނުމުގައި ފަސް ދުވަސް ވެގެން ގޮސްފައިވާ އިރު އަދި މިހާތަނަށް އިންތިހާބު ކާމިޔާބު ކުރި ފަރާތެއް ޔަގީންވެފައި ނުވެއެވެ. އިދި ކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ސަރުކާރުން ވޯޓު އޮޅުވާލުމަށް ޖައްސާ އުކުޅު ތަކެއް ކަމުގައެވެ.
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ހިނގަމުންދާ ހަމަ ނުޖެހުން ތަކުގައި އެކަކު މަރުވެ، ވިހި މީހުންނަށް އަނިޔާވެ ސަތޭކަ އަށް ވުރެ ގިނަ މީހުން ވަނީ ލޫޓުވުމާއި ހަމަ ނުޖެހުން ހިނގުމުގެ ތުހުމަތުގައި ހައްޔަރު ކޮއްފައެވެ. މި ހަމަ ނުޖެހުންތަށް ފެށިގެން އައީ އިދިކޮޅު ފަރާތްތަކުން ސަރުކާރުން ވޯޓު އޮޅުވާލަން އުޅޭ ކަމަށް ތުހުމަތު ކުރި ހިސާބުންނެވެ.
އެގައުމުގެ މިނިސްޓަރުން ކައުންސިލުގެ މެންމަރުކު ކަމަށްވާ އެބަލް ޑިއާޒް ހުކުރު ދުވަހު ވިދާޅުވި ގޮތުގައި އެގައުމުގެ ޤާނޫނު ވަގުތީ ގޮތުން ހިފަހައްޓާ ފުލުހުންނާ ސިފައިނަށް ބާރުތަށް އިތުރު ކުރީ ހިނގަމުންދާ ހަމަނުޖެހުންތަށް ކޮންޓްރޯލް ކުރުމުގެ މަގްސަދުގައެވެ.
މިވަގުތު ނަތީޖާ އޮތް ގޮތުން މިހާރުގެ ރައީސް ހުއާން އޮރލާނޑޯ ހަނަންޑޭޒް އޮތީ ކުޑަ ފަރަޤަކުން ކުރީގައެވެ. އޭގެ ކުރިން އިދި ކޮޅު ކެންޑިޑޭޓް ސަލްވަޑޯރ ނަސްރައްލާ އޮތީ ކުރީގައެވެ. ނަމަވެސް ނަތީޖާ ބަދަލުވާން ފެށުމުން އެނާ ވަނީ މުޒާހާރާ އައް ގޮވާލާފައެވެ.
އެގައުމުގެ އެލެކްޓޯރަލް ޓްރައިބިއުނަލް އިން ހުކުރު ދުވަހު ބުނެފައިވަނީ މިހާރު ހިޔާލު ތަފާތުވުން އުފެދިފަވާ %6 ފޮށީގެ ވޯޓުތަށް ގުނާނީ އަތުން ކަމަށެވެ.