English Edition
Dhivehi Edition
ބޮޑީވޯން ކެމެރާ ހަރުކޮށްގެން ދެކުނުގެ ފުލުހުން ޙަރަކާތްތެރިވަނީ. ފޮޓޯ އޭއޯނިއުސް އަރްޖޫން ޢަފީފް

ސައުތު ޕޮލިސް ރީޖަންގެ ގޮތުގައި ކަނޑައަޅާފައިވާ ރާއްޖޭގެ ދެކުނުން ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫސިޓީގައި ހަރަކާތްތެރިވާ ފުލުހުން ބޮޑީވޯންކެމެރާ ބޭނުންކުރަން ފަށައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ ސާވިސަސްގެ ފަރާތުން ސައުތު ޕޮލިސް ރީޖަންގެ ރެސްޕޮންސް އޮފިސަރުން މިހާރު ވަނީ ތަމްރީންކޮށް ޑިއުޓީތަކުގައި ބޮޑީވޯން ކެމެރާއާއެކު ހަރަކާތްތެރިވާން ފަށާފައެވެ. އެގޮތުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި ގއ. ވިލިނގިލީގައި ހަރަކާތްތެރިވާ ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކުރާނެކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ. އޭގެ އިތުރުން މި ރީޖަންގެ އެހެން ރަށްރަށުގައި ހިންގާ ހާއްސަ އޮޕަރޭޝަންތަކުގައިވެސް ބޮޑީ ވޯން ކެމެރާ ބޭނުންކުރާނެ އެވެ.

ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ޙިއްސާކުރުމާއެކު ތަފާތު އެކި ކުށުގެ އަމަލުތައްވެސް ހިނގާފައިވާ ސައުތު ޕޮލިސް ރީޖަން އަކީ، މާޒީގައި ހިނގާފައިވާ ނުރައްކާތެރި ކުށްތަކާއިއެކު މިހާރުވެސް އެފަދަކުށްކުރުމުގެ ފުރުސަތު ބޮޑު ސަރަޙައްދަކަށް ވެފައި ، ގިނަ ގޮންޖެހުން ތަކެއް މިކަމުގައި ހުރުމާއެކު މިއީ މިސަރަޙައްދުގައި އާ ޚިދުމަތްތައް ތަޢާރަފްކޮށް ތަޖުރިބާ ކުރުމަށް ފުލުހުން ކުރައްވާ މަސައްކަތުގެ ތެރެއިން ފެއްޓެވި މުހިންމު މަސައްކަތެއް ކަމަށް އޭއޯ ނިއުސްއާއި ވާހަކަ ދައްކަވަމުން ފުލުހުންގެ ސަބްރީޖަން ކޮމާންޑަރ އެސްޕީ ނާހިދު ހުސެއިން ވިދާޅުވިއެވެ.

އެގޮތުން ބޮޑީވޯން ކެމެރާގެ ސަބަބުން ފުލުހުންގެ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބި، ފުލުހުންނާއި ރައްޔިތުންގެ މެދުގައި ކުރެވޭ މުޢާމަލާތްތައް ރިކޯޑްކުރެވި ޖަވާބުދާރީވުމުގެ މެކޭނިޒަމް ހަރުދަނާވެ ޒިންމާދާރުވެގެން ދާނެކަމަށް ނާހިދު ވިދާޅުވިއެވެ.

ދެކުނު ރީޖަންގައި ބޮޑީވޯން ކެމެރާ ތަޢާރަފް ކުރުމަށް ހިންގި ޙަރަކާތެއްގެ ތެރެއިން/ފޮޓޯ އޭއޯނިއުސް އަރްޖޫން ޢަފީފް

ފުލުހެއްގެ މައްސަލައަކާ ގުޅިގެން ޢާންމު ރައްޔިތަކާ ބައްދަލުކުރި ނަމަވެސް، ކެމެރާގެ ސަބަބުން ދެއްކި ވާހަކަތަކުގެ ހެކި ލިބެން ހުންނާނެއެވެ. އަދި ފުލުހެއްގެ މައްސަލައެއް ހުށަހެޅިއްޖެ ހާލަތެއްގައިވެސް ހެކި ލިބުން ފަސޭހަވެ، މައްސަލަ ބަލަން އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، ފުލުހުން މަސައްކަތްކުރާ މިންވަރުވެސް ދެނެގަތުމަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް ނާހިދު ވިދާޅުވިއެވެ.

ބޮޑީވޯން ކެމެރާއަކީ ވަގުތުން ރެކޯޑްކުރެވޭ އަދި ކެމެރާގެ ފީޑް ލައިވްކޮށް ފުލުހުންގެ މަރުކަޒުތަކަށް ފެންނަ ވަސީލަތަކަށްވުމުން، ކުރިމަތިވާ އެކި ހާލަތްތައް އިތުރަށް ގޯސްވިޔަނުދީ ހައްލުކުރުމަށް އެހީތެރިވެދޭނެ އެވެ. އަދި ފުލުސް މީހާގެ ގައިގައި ލައިވް ކެމެރާއެއް ހުރުމުން އެވަގުތަކު ނުރަނގަޅު އަމަލުކުރާ ނުވަތަ ޢާއްމު މަސްލަހަތައް ބުރޫއަރާފަދަ ޢަމަލުތައް ހިންގާ ފަރާތެއްގެ ހަރަކާތްތަކަށްވެސް ހެޔޮ ބަދަލެއް އައިސް ޢާއްމު މަސްލަހަތު ގާއިމްކޮށް އޮމާންކަމާއެކު ހާލަތު ނިމުމަކަށް ގެނައުމަށް މި ނިޒާމު މަގުފަހި ކޮށްދެއެވެ.

ބޮޑީ ވޯން ކެމެރާގެ މަސައްކަތަކީ ދިވެހި ފުލުހުންގެ ޚިދުމަތް ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރުވައި ތަރައްގީކުރުމުގެ ޕްލޭންގެ ދަށުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ އިސްނެންގެވުމާއެކު މީގެ 3 އަހަރެއްހާ ދުވަސް ކުރިން ފެށިގެންކުރަމުންއަންނަ މަސައްކަތެކެވެ. އެގޮތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ބޮޑީވޯން ކެމެރާ ތައާރަފް ކުރުމުގެ ގޮތުން އަޖުމަ ބެލުމަށް ދުނިޔޭގެ ނަން މަޝްހޫރު 2 ކެމެރާ ބްރޭންޑެއް ކަމަށްވާ މޮޓޮރޮއްލާ ސޮލިއުޝަން އަދި އެކްސޮން ޕްރޮޑަކްޓްގެ ޑިސްޓްރިއުބިއުޓަރުން ޕައިލެޓް ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސްފައިވެއެވެ. ފުލުހުން ބޭނުންކުރަން ފަށާފައިވަނީ އެކްސޮން ބްރޭންޑްގެ ކެމެރާއެވެ.

މި ޕައިލެޓް ޕްރޮޖެކްޓްތަކުގެ އަލީގައި ކެމެރާތަކަކީ ދުނިޔޭގައި ކުރިއަރާފައިވާ އެހެން ގައުމުތަކެކޭ އެއްގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި ވެސް ބޭނުންކުރެވިދާނެ އެއްޗެއްކަން އެނގިގެން ދިޔަކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންކަމުން މިއަދަކީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދެކުނުގެ ސަރަޙައްދުތަކުގައި، ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހި ފުލުހުންގެ ޚިދުމަތް އިތުރު ހަރުފަތަކަށް ގިރާ ކުރި ދުވަހެކެވެ.

ފުލުސް އޮފިސަރުންގެ ޔުނީފޯމުގައި ބޮޑީ ކެމެރާ ހަރުކޮށްގެން މަސައްކަތްކުރުމަކީ އެހެން ގައުމުތަކުންވެސް ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި މި ކެމެރާ އާންމުކޮށް ހަރުކޮށްފައި ހުންނަނީ ފުލުހުން ބޭނުންކުރާ ހެލްމެޓް ނުވަތަ އައިނުގައެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އެއް އޮޕަރޭޝަން ކަމަށްވާ އުސާމާ ބިން ލާދިނަށް ދެވުނު ހަމަލާވެސް ރިކޯޑު ކުރެވިފައިވަނީ މިފަދަ ބޮޑީ ކެމެރާއެއްގެ ސަބަބުންނެވެ. މީގެ އިތުރުން އެމެރިކާގެ ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑް ހައްޔަރުކުރުމުގެ ތެރޭގައި ދޮން ނަސްލުގެ ފުލުހަކު ޢަމަލުކުރި ގޮތުގެ ސަބަބުން ޖޯޖް މަރުވި ހާދިސާގައި ފުލުސް މީހާގެ މައްޗަށް ކުށް ސާބިތުކުރުމަށް ވެސް ބޮޑީވޯން ކެމެރާގެ ފުޓޭޖް ބޭނުންކޮށްފައިވެއެވެ.