English Edition
Dhivehi Edition
ޤާސިމްގެ ހަގު އަނބިކަނބަލުން ރާނިޔާ، އދ. ދަނގެއްޗަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ސަލާންކުރައްވަނީ، ފޮޓޯ: ސަން އޮންލައިން

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީ ގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން ފާތިމަތު ރާނިޔާ އަބްދުލް ހަމީދު ވެސް ފިރިކަލުންނަށް ތާއީދު ހޯއްދެވުމަށް ކެންޕޭން ކުރައްވަން ފައްޓަވައިފިއެވެ.

ރާނިޔާގެ ފުރަތަމަ ކެންޕެއިން ދަތުރުގައި ވަނީ އދ. ދަނގެއްޗަށް ވަޑައިގެން އެ ރަށުން ޤާސިމްއަށް ތާއީދު ހޯއްދެވުމަށް ޖުމްހޫރީ ޕާޓީގެ ސަޕޯޓަރުންނާ އެކު މަސައްކަތް ކުރައްވާފައެވެ. މި ރަށުން އެކަމަނާއަށްވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މިހާރު އުމުރުން 23 އަހަރުގެ ރާނިއާ އާއި ރާއްޖޭގެ އެންމެ ބޮޑު މަހުޖަނު ގާސިމް އިބްރާހީމް، 72، ކައިވެނި ބެއްލެވީ 2020 ވަނަ އަހަރު ގެ ތެރޭގައެވެ. ރާނިޔާ އަކީ ގާސިމްގެ އުފަން ރަށް އދ. މާމިގިއްޔަށް ނިސްތަބްވާ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިޔާގެ މަޤާމަށް ތިންވަނަ ފަހަރަށް ޤާސިމް ވާދަކުރައްވާ މި ބުރުގައި ،ގާސިމްގެ އަނބިކަނބަލުންގެ ތެރެއިން ސިޔާސީ މައިދާނުގައި އެންމެ ފާޅުކަން ބޮޑުކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމުގައި މިހާރުވެސް ހުންނެވި އައިޝަތު ނަހުލާ އެވެ. ގާސިމާއި އެކީ އެންމެ އާންމުކޮށް ފެންނަނީ ވެސް ނަހުލާ އެވެ. ނަހުލާ އަކީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު ވެސް މެ އެވެ.