ރާއްޖޭގައި 30 އަހަރުގެ ދިގު ވެރިކަމެއް ކޮށްފައިވާ ރައީސް މައުމޫނުގެ ވެރިކަމުގައި ބަޔަކަށް އަނިޔާތަކެއް ލިބުނު ކަމަށް ޤަބޫލު ކުރައްވާ ކަމަށް ރައީސް މައުމޫނުގެ ދަރިކަލުން އަދި މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ކެންޑިދޭޓެއްގެ ގޮތުގައި ކުރިމަތިލައްވާފައިވާ އަޙުމަދު ފާރިޝް މައުމޫނު ވިދާޅުވެއްޖެއެވެ.
ފާރިޝް މައުމޫން މިހެން ވިދާޅުވީ ރޭގައި ކުރި ޓްވީޓެއް މެދުވެރިކޮށް އާންމުކުރި ވިޑީއޯ މެސެޖެއްގައެވެ.
އެ ވީޑިއޯ މެސެޖުގައި ފާރިޝްގެ ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަން ކުރެއްވި ދުވަސްވަރު ރައްޔިތުންގެ ތެރެއިން ބަޔަކަށް އަނިޔާ ތަކެއް ލިބި އަދި ހިތާމަތަކެއް މެދުވެރިވި ކަމަކީ ޙަޤީޤަތެއް ކަމަށާ އަދި އެކަން އޭނާ ޤަބޫލު ކުރައްވާ ކަމަށެވެ. އަދި އެ ހިތާމައިގައި އަދިވެސް ބަޔަކު ދެމިތިބި ކަމަކީ ވެސް ޤަބޫލު ކުރައްވާ ކަމެއް ކަމަށް ފާރިޝް ވިދާޅުވިއެވެ.
އަދި އެކަން ދޮގު ނުކުރައްވާ ކަމަށާއި އެ ކަމަށްޓަކައި ރައްޔިތުންގެ އަރިހުން މާފަށް އެދޭ ކަމަށް ފާރިޝް ވިދާޅުވިއެވެ. އަދި ވަރަށް ފަހުން ދެއްކެވި ވާހަކައެއްގެ ސަބަބުން އެ ހިތާމަތައް އިތުރުވެގެން ދިޔަ ކަމަކީ ވެސް ޙަޤީޤަތެއް ކަމަށް ފާރިޝް ވިދާޅުވިއެވެ. އަދި އޭނާ ވަނީ އެކަމަށްޓަކައި ވެސް މާފަށް އެދިފައެވެ.
މީގެ އިތުރުން ފާރިޝް ވިދާޅުވީ ޢަޒުމަކީ އެބޭފުޅާގެ ވެރިކަމެއްގައި ބައްޕާފުޅުގެ ފަރާތުން އަނިޔާ ލިބިފައިވާ ހުރިހާ ފަރާތްތަކަށް ފުރިހަމަ ތަސައްލީއެއް ހޯދާދެއްވުން ކަމަށާއި އަދި ފާރިޝްގެ ސަރުކާރެއްގައި އެފަދަ އެއްވެސް ކަމެއް ނުހިނގާކަން ކަށަވަރު ކޮށްދޭނޭ ކަމަށްވެސް ފާރިޝް ވިދާޅުވިއެވެ.