މިމަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ވޯޓު ދެއްވުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
ރައީސް ނަޝީދު މިފަދައިން އެދިވަޑައިގެންފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެމަނިކުފާނު ކުރެއްވި ޓްވީޓްގައި ވިދާޅުވީ, އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ޞާލިޙް ނޫން ގޮތެއް އިންތިޚާބުގައި ހޯއްދަވަން ޖެހޭ ކަމަށާއި އަދި އެކަން ކުރެވެން އޮތް މަގަކީ ޕީޕީއެމްގެ މެންބަރުން އެމަނިކުފާނުގެ ޕާޓީގެ މެންބަރު އިލްޔާސް ލަބީބަށް ވޯޓް ދީގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު, އެމަނިކުފާނު ވަނީ ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަބަލުން މެޑަމް ފާތުން ހިންގަވާފައި ދަނިކޮށް, އެތަނަށް ވަޑައިގެން އެކަމަނާއާއި ސަލާމް ކުރައްވާ, ރައީސް ޔާމީން މިނިވަން ކުރަން ގޮވާލާފައެވެ.
ރައީސް ނަޝީދު ވަނީ މީގެ ކުރިން އެމަނިކުފާނުގެ ޕާޓީ ދަ ޑިމޮކްރޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ރަނިންގމޭޓަކަށް ވުމަސްވެސް ޕީޕީއެމްގެ ބޭފުޅުންނަށް ދައުވަތު ދެއްވާފައެވެ. ނަމަވެސް ނަޝީދުގެ އެ ދައުވަތަށް ޕީޕީއެމްގެ ފަރާތުން ޝައުގުވެރިކަމެއް ނެތްކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.