English Edition
Dhivehi Edition

މިމަހުގެ 9 ވަނަ ދުވަހުގައި އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގައި ކުޅުދުއްފުށީގެ ހިއްސާ ވަރަށް ބޮޑުވާނޭ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

“އުފާވެރި އަމާންރާއްޖެ” ކުޅުދުއްފުށީ ކެމްޕޭން ޖަލްސާފައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ކުޅުދުއްފުށި ސިޓީގެ ހިއްސާ ބޮޑުކޮށް ފުރިހަމަ ބައިވެރިވުން އޮންނާނެ ކަމަށެވެ. އަދި ވަޑައިގެންނެވުނު ރަށްރަށުން ފެނިގެންދަނީ އެއްބުރުން އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަން ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ބޮޑު ތިލަދުންމަތީގެ 40 ރަށާއި 1 ސިޓީއަށް ވަޑައިގެންނެވުނުއިރު، 71،000ށްވުރެ ގިނަ ރައްޔިތުން ތިބި ކަމަށާއި، ވޯޓުލާ އާބާދީގެ 40،000ށްވުރެ ގިނަ ރައްޔިތުން އެބަތިބި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުރިހާ ރަށްތަކަކުން އެ މަންޒަރު ފެންނަނީ ސަބަބެއް ނެތިއެއް ނޫން ކަމަށާއި އެއީ ތަރައްގީއަށް ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ކުރެއްވިފައި ހުރި މަސައްކަތަކާއި، މާޒީގެ ތެރޭގައި ކުރެވިފައިވާ އަނިޔާއާއި ކަޅު ދުވަސްތަކުގެ ތެރެއަށް އަނބުރައި ދާން ބޭނުން ނުވާތީ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ބޮޑުތިލަދުންމަތީގެ އިގްތިސާދަށް ލޮޅުން އައިކަމަށާއި، ދަރިފުޅަށް ކިޔަވައިދޭންޖެހުނަސް ދާންޖެހުނީ މާލެއަށް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލާއެކު ބާރުތައް ދޫކުރަމުންދާ ކަމަށާއި، ހިންގުމުގެ ބާރާއި ގޮތް ނިންމުމުގެ ބާރު ވެސް ދޫކުރައްވާނެ ކަމަށެވެ. އަދި ކުރިން އެކަން އޮތީ މަރުކަޒު ކުރެވިފައި ކަމަށާއި ލާމަރުކަޒީ ނިޒާމް އޮތީ އޭގެ ބޭނުން ނުހިފޭނެ ގޮތަށް ހަދާފައި ކަމަށެވެ. އަދި ބޭނުންފުޅުވަނީ ކުޅުދުއްފުށި ސިޓީއަށް ހެޔޮ ބަދަލު ގެންނަވަން ކަމަށާއި، އެކަމަށް ބޭނުންވާ ކަންކަން ރާއްވަވާފައި ވާކަމަށެވެ.