English Edition
Dhivehi Edition

ފެނަކަ ކޯޕަރޭޝަން ހެދީ ދައުލަތަށް އާމްދަނީ ހޯދަން ނޫންކަމަށާއި އެ ކުންފުނީގެ މަގުސަދަކީ ރަށްރަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސްގެ ރިޔާސީ ކެމްޕެއިނަށް ހދ. ނޮޅިވަރަމްގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ފެނަކައާއި ގުޅުވައިގެން އިދިކޮޅުން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ވާހަތަކެއް ކަމަށެވެ. އަދި ފެނަކަ ހެދީ ދައުލަތަށް އާމްދަނީ ހޯދަން ނޫންކަމަށާއި އެ ކުންފުނީގެ މަގުސަދަކީ ރަށްރަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްރަށުގެ ފެނަކައިން ދޭ ޚިދުމަތްތަކީ ހަމަ އެކަނި ކަރަންޓު ދިނުމެއް ނޫން ކަމަށާއި، ކަރަންޓާއި ފެނާއި ނަރުދަމާ އާއި އައިސްޕްލާންޓެއް ހުރިއްޔާ އެތަން ހިންގައި މަރާމާތުކުރަނީ އެ ކުންފުނިންކަމަށް ރައީސް ވިދަޅުވިއެވެ.

“ފެނަކަ އިން ރަށެއްގައި ދޭ ހިދުމަތްތައް ބައްލަވާ. ކަރަންޓާއި ފެނާއި ނަރުދަމާ އާއި އައިސްޕްލާންޓެއް ހުރިއްޔާ އެތަން ހިންގައި މަރާމާތުކުރަނީ އެ މީހުން. މި ހުރިހާ ކަމަކަށް މުވައްޒަފުން ބޭނުންވޭ. ފެނަކަ އަކީ ހަމައެކަނި ކަރަންޓު ދޭ ބައެއް ނޫން،” ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ފެނަކަ އަކީ މާ ބޮޑު ފައިދާއެއްވާ ތަނަކަށް ހަދަން ނުވިސްނާ ކަމަށާއި އެއީ އަސާސީ ޚިދުމަތްދޭ ކުންފުންޏެއް ކަމަށެވެ. އަދި އެ ކުންފުނިން ވީހާވެސް ގިނަބަޔަކަށް ވަޒީގެ ފުރުސަތު ދީ ކިރިޔާވެސް ދެކޮޅު ޖެހޭނަމަ އެ ނިމުނީ ކަމަށް ވެސް ރައީސް ވިދަޅުވިއެވެ.

“އަނެއްކާ އަޅުގަނޑުމެންގެ ވިސްނުމެއް ނެތް ފެނަކަ އަކީ މާ ބޮޑު ފައިދާއެއް ވާ ތަނަކަށް ހަދާކަށެއް. އެއީ އަސާސީ ހިދުމަތް ދޭ ސަރުކާރުގެ ކުންފުންޏެއް. ވީހާ ވެސް ގިނަ ބަޔަކަށް ވަޒީފާ ދީ، އެ ލިބޭ އެއްޗަކުން ކިރިޔާ ދެކޮޅު ޖެހުނީމާ އަޅުގަނޑުމެންނަށް އެ ނިމުނީ.” ރައީސް ވިދާޅުވިއެވެ.