ރޭ ކުރިއަށް ދިޔަ ‘ސަންގު ބަހުސް’ގައި ރައީސް ސޯލިހުގެ މައްސަލައެއް ބަލައި ޖަލު ހުކުމެއް އިއްވަފާނެތޯ ކުރި ސުވާލަށް ރިޔާސީ ކެންޑިޑޭޓުން ދިން ޖަވާބު:
- މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް: މި ސުވާލަށް ޖަވާބު ދެމުން ނާޒިމް ވިދާޅުވީ ވެރިކަމަށް އަންނަނީ ރައްޔިތުންނަށް އިންސާފާ ހަމަހަމަކަން ގާއިމުކޮށްދޭން ކަމަށެވެ. އެހެންކަމުން ކުރީގެ ރައީސުންގެ ފަހަތުން ދުވާ މީހަކަށް އޭނާ ނުވާނެކަމަށް ނާޒިމް ވިދާޅުވިއެވެ. އިތުރަށް ނާޒިމް ވިދާޅުވީ ނުހައްގުން އެތައް ބައެއްގެ މައްޗަށް ލިބުނު އަނިޔާތައް އޭނާއަށް ހަމަލޮލުން ފެނި ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ކޮންމެ ވެރިއަކަށް ވެސް، އަދި ދައުލަތުގެ އިސް މަގާމެއް އަދާކުރައްވާފައިވާ ބޭފުޅަކަށްވެސް ޝަރަފުވެރިކަމާ އަދި އަބުރުވެރިކަމާއި އެކު ދިރިއުޅުމަށް ފުރުސަތު ލިބެންޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ.
- އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އުމަރު ނަސީރު: އުމަރު ނަސީރު ވިދާޅުވީ ފާއިތުވި 18 އަހަރުގެ ދަތުރުގައި ވަރަށް ގިނަ ކަންކަން ހިނގައި، އެތައް ބައެއްގެ އަހުލާގު ގެއްލިފައިވާ ކަމަށާ ސިޔާސީ މައިދާނާ އެކު، ހަމަނުޖެހުންތައް ބޮޑުވެ ކޮރަޕްޝަންތައް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން ރައީސް ސޯލިހުގެ މައްޗަށް ތުހުމަތަށް ސާބިތުވާނަމަ، އެކަމުގެ އަދަބު ލިބެން ޖެހޭކަމަށާއި، އެކަމަކު ސިޔާސީ ދައުވާއެއް އޮވެގެން ނުވާނެކަމަށް އުމަރު ވިދާޅުވިއެވެ.
- ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް: ގާސިމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަކީ އަނިޔާވެރި ވެރިކަމެއް ކުރެއްވި ބޭފުޅެއްކަމަށާއި އެ އަނިޔާ ތަހައްމަލު ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ. ނިމިގެން ދިޔަ ޕީޕީއެމް ވެރިކަމުގައި ގާނޫނާއި ހިލާފަށް، ބާރުގެ ބޭނުންކޮށް ކުރި އަނިޔާގެ ޝިކާރައަކަށް ވިކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ އެއްވެސް ބޭފުޅަކަށް ބޭއިންސާފުން އަނިޔާއެއް ދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އެހެންނަމަވެސް ރައީސް ސޯލިހްގެ ސަރުކާރު ނިމި، ގޯސް ކަމެއްކޮށްފައި އޮތިއްޔާ އެކަން ބެލުމަށް ފަހު، ގާނޫނު އޮންނަ ގޮތަށް ކުރި ކުށަށް އަދަބު ދޭން ޖެހޭނެކަމަށް ގާސިމް ވިދާޅުވިއެވެ.
- އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ފާރިސް މައުމޫން: ރާއްޖޭގައި ވެރިކަން ކުރާ ބޭފުޅާ ދެން އަންނަ ސަރުކާރެއްގައި ޖަލަށް ލުމަކީ މިހާރު ތާރީހީ ކަމަކަށް ވެއްޖެ ކަމަށާއި އޭނާގެ ވެރިކަމެއްގައި އެކަން ތަކުރާރު ނުކުރައްވާނެ ކަމަށެވެ. އިންތިހާބުގައި ވާދަކުރާނެހެން ހީވާ ބޭފުޅަކު ހަރުުގެޔަށް ލައިގެން އިންތިހާބަށް ކުރިމަތިލުމަކީ ޑިމޮކްރެޓިކްސް ޤައުމެއްގައި ކަންކުރާނެ ގޮތެއް ނޫންކަން ފާހަގަކުރައްވަމުން ފާރިސް ވިދާޅުވީ އޭނަގެ ވެރިކަމެއްގައި އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ.