English Edition
Dhivehi Edition

ޕެޓްރޯލާއި ޑީސެލް ތެލުން ނަގާ ޑިއުޓީ ފަސް ޕަސެންޓް ކުޑަ ކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ. ވިލިމާލޭ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހަޅާފައިވާ އިސްލާހު ފާސްވެފައިވަނީ ރައްޔިތުން މަޖިލީހަށް ހާޒިރުވި 73 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ. ބިލަށް އިސްލާހު ހުށަހެޅި ސަބަބުގެ ބަޔާނުގައި ނިހާން ވިދާޅުވެފައިވަނީ އާންމު ބޭނުންތަކާއި އަސާސީ ހިދުމަތްތަކަށް ހިނގާ ހަރަދު ކުޑަ ކުރުމަށާއި ރައްޔިތުންނަށް ފައްސޭހަގޮތް ހަމަޖައްސާދިނުމަށް ކަމުގައެވެ. އެމްޑީޕީގެ މެމްބަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަހުމަދު އަސްލަމް ވަނީ ތެލުން ނަގާ ޑިއުޓީ ސުން ޕަސެންޓަށް ހެދުމަށް އިސްލާހު ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް އެ ބަދަލު ގެންނަން ނުފެންނަ ކަމަށް 42 މެންބަރުން ވޯޓު ދިނުމުން އަސްލަމް ހުށަހެޅި އިސްލާހު ވަނީ ބޭރުކޮށްލައިފައެވެ. އަސްލަމްގެ ހުށަހެޅުން ފާސް ކުރަން ފެންނަ ކަމަށް 30 މެމްބަރުން ވަނީ ވޯޓު ދީފައެވެ. މިއަދު ފާސްވި ގޮތަށް ބިލަށް އަމަލު ކުރަން ފަށާނީ، މަޖިލިހުން ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި، ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. އެކްސްޕޯޓް އިމްޕޯޓް ގާނޫނުގައި މިހާރު ތެލުގެ ބާވަތްތަކުން ޑިއުޓީގެ ގޮތުގައި ނަގަނީ 10 ޕަސެންޓެވެ.