English Edition
Dhivehi Edition

ރައްޔިތުން ބޭނުންވަނީ އިންޑިޔާއަށް ދާން ދޭ އެހީއެއް ނުވަތަ ޓިކެޓެއް ނޫން ކަމަށާއި ޤައުމަށް އިންގިލާބެއް ގެންނާނެ ފަދަ ހެޔޮ ބަދަލެއް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ހުވަދު އަތޮޅުގެ 21 ރަށް ފެރީ ނިޒާމުން ގުޅާލުން ރަސްމީކޮށް ފާހަގަކުރަން ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ އާރުޓީއެލް ފެރީގެ ޚިދުމަތަކީ ތާ އަބަދަށް ރާއްޖެ ބަދަލުކޮށްލާނެ ޚިދުމަތެއް ކަމަށާއި މިސަރުކާރުން އާރުޓީއެލްގެ ފެރީގެ ޚިދުމަތް މިހާރު މިވަނީ ފެށިފައި ކަމަށާއި މި ހިދުމަތަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާތީ ދެން ހުއްޓާނުލެވޭނެ ކަމަށެވެ. އަދި އެމްޑީޕީ ކުރީގެ ސަރުކާރުން ވެސް ފެރީގެ ނިޒާމުން ރަށްތައް ގުޅާލުމުގެ މަސައްކަތް ކުރިޔަށް ގެންދިޔަނަމަވެސް އެވެރިކަން ނިމުމަކަށް އައިސް ދެން އައި ސަރުކާރުން އެކަން ކުރަން ބޭނުން ނުވާތީ ހުއްޓާލީ ކަމަށް ވެސް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކަނޑުގަދަ ދުވަސް ދުވަހު ދަތުރުފަތުރުކުރުން އޮންނަނީ ދަތި ކަމަކަށްވެފައި ކަަމަށާއި އަދި އެހާމެ އަގޮބޮޑުކޮށް ބޮޑެތި ލޯންޗުތައް ހިފައިގެން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ރައްޔިތުންނަށް ގިނަ ތަކުލީފުތައް ކުރިމަތިވަމުންދިޔަ ކަމަށެވެ.

އެގޮތުން އެއީ ބޮޑު އަތޮޅެއް ކަމަށާއި ވަރަށް ގިނަ ފަހަރަށް ގަދަވާކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ އެތެރެވަރިއަކީ ގަދަތަނެއް ކަމަށެވެ. އަދި ރަށާ ހަމައަށް ދެވޭއިރު ހުންނަނީ އުނަގަނޑުގައި ރިއްސާފައި ކަމަށާއި 2000 ރުފިޔާ ނުވަތަ ގިނަފަހަރަށް 2500 ރުފިޔާ އަށް ވުރެ ބޮޑު ޚަރަދެއް ކުރަްނ ޖެހޭ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އެހެންނަމަވެސް މި ފެށި ފެރީގެ އަގަކީ 125 ރުފިޔާކަން އަސްލަމް ވަނީ ފާހަގަ ކުރައްވާފައެވެ.