English Edition
Dhivehi Edition
ޑރ.މުހައްމަދު މުއިއްޒު

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ވެރިކަމަށް އަންނަނީ މަޝްރޫއުތައް ހުއްޓުވުމަށް ނޫންކަމަށާއި، ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ތ.ހިރިލަންދޫ ގައި ކުރިއަށް ދިޔަ ޕީއެންސީގެ ކެމްޕެއިން ހަރަކާތުގައި މުއިއްޒުވަނީ ދެން އަންނަ ސަރުކާރަކުން، މި ސަރުކާރުން ކުރަމުން އަންނަ މަޝްރޫއުތައް ހުއްޓުވާނެކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ރައްދުދީފައެވެ. މި ގޮތުން މުއިއްޒު ވިދާޅުވީ ވެރިކަމަށް އަންނަނީ ހުއްޓިފައި ހުރި މަޝްރޫއު ފެންވަރު ރަނގަޅުކޮށް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

މުއިއްޒުގެ ވެރިކަމެއްގައި މަޝްރޫއުތައް ކުރިއަށް ގެންދާނީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ކަން ފާހަގަކޮށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ތަރައްގީ ދަސްކޮށްދެއްވާފައިކަމަށެވެ. އެހެންކަމުން އިދިކޮޅުގެ ވެރިކަމެއްގައި ތަރައްގީ ގެނެވިދާނެތޯ ސުވާލު އުފައްދަން ނުޖެހޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ އިންތިހާބަށް ވަގުތު ކުޑަތަވަމުން އަންނާތީ ބައެއް ރަށްތަކަށް ދަތުރުކުރާނެ ވަގުތު ނެތް ނަމަވެސް، އޭނާގެ ވެރިކަމެއްގައި އެއްވެސް ރަށެއް ބާކީ ނުކުރައްވާނެކަމަށެވެ.