English Edition
Dhivehi Edition

ލ.ފޮނަދޫ ސިއްޚީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ، ހެލްތް ސާވިސްގެ މަޤާމުގައި ހުރި ހަސަން ޚަލީލް އެ މަޤާމުން މިއަދު ވަކިކޮށްފިއެވެ.

ހަސަލް ޚަލީލް އެ މަޤާމުން ވަކިކުރިކަން އަންގާފައިވަނީ ރައީސުލްޖުންޙޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓް އޮފީސް އިބުރާހީމް ވަޙީދު ސޮއިކުރައްވާ މިއަދު ފޮނުއްވި ސިޓީއެއްގައެވެ.

“ދިވެހިރާއްޖޭގެ ޖުމްޙޫރިއްޔާގެ ޤާނޫންއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާއަށް ވާ ބާރުގެ ދަށުން ލ.ފޮނަދޫ ސިއްޚީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ، ހެލްތް ސާވިސްގެ މަޤާމުން ހަސަން ޚަލީލް، މިއަދު ވަކިކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވިއެވެ.” ރައީސް އޮފީހުން ފޮނުވި ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ހަސަން ޚަލީލް މަޤާމުން ވަކިކުރިކަން އޭނާއަށް އަންގާފައިވަނީ މިއަދު ރަސްމީ ގަޑީގައި އޭނާ އޮފީހަށް ވެސް ނުކުމެ މަސައްކަތުގައިވެސް އުޅެމުން ގެންދަނިކޮށެވެ.

އޭއޯނިއުސްއަށް މައުލޫމާތު ދެމުން ހަސަން ވިދާޅުވީ އޭނާ ވަކިކުރިކަން އެންގީ ރަސްމީ ގަޑީގައި އޮފީހަށް ނިކުމެ، ރަސްމީ މަސައްކަތުގައިވެސް އުޅުއްވަނިކޮށް ކަމަށެވެ.

އަދި އޭނާ މަޤާމުން ވަކިކުރީ ކޮން ސަބަބަކާއި ހުރެކަމެއް ވެސް ނޭންގޭ ކަމަށެވެ. އަދި މިހާތަނަށް ސަރުކާރާ ދެކޮޅަށް ސިޔާސީ ގޮތުން އެއްވެސް ހަރަކާތެއްގައި ވެސް ބައިވެރިވެފައި ނުވާނޭކަމަށާއި އަދި ސޯޝަލް މީޑިއާގައި ވެސް ސަރުކާރާ ދެކޮޅަށް އެއްވެސް ޝުއޫރެއް ފާޅުކޮށްފައި ވެސް ނުވާނޭކަމަށް ހަސަން ވިދާޅުވިއެވެ.

އަދި އެގޮތަށް، އެއްވެސް ސަބަބެއް ނެތި، ކުއްލިއަކަށް މަޤާމުން ވަކިކުރުމަކީ ބަލައިގަނެވޭނޭކަމެއް ނޫންކަމަށް ހަސަން ވިދާޅުވިއެވެ.