English Edition
Dhivehi Edition
ފޮޓޯ/ އެމްޑީޕީ

ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ނައިބު ރައީސް އަހުމަދު އަޒީލް އެމްޑީޕީ އަށް ސޮއިކޮށްފިއެވެ.

ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެމްޑީޕީއިން ބޭއްވި ކެމްޕޭން ހަރަކާތުގައި އަޒީލް އެމްޑީޕީއާ ގުޅިވަޑައިގެން ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާ ވަނީ ފޯމް ހަވާލުކުރައްވާފައެވެ.

މި ހަފްލާގައި ވާހަކަދައްކަމުން އަޒީލް ވިދާޅުވީ އޭނާ އެމްޑީޕީއާ ގުޅުނީ، އާންމު ރައްޔިތުންނަށް ހައްގުތައް ހޯދައި ދިނުމަކީ އެ މުޖުތަމައެއްގެ ލީޑަރުންގެ ޒިންމާއެއް ކަމަށް ދެކިގެން އަދި ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން އެއްވެސް ކެންޑިޑޭޓަކު ވާދަނުކުރުމާ ގުޅިގެން ބައެއް އާންމު މެންބަރުންގެ މެދުގައި ހިތްހަމަނުޖެހުންތައް އުފެދިފައިވާ މިދުވަސްވަރު އެ ޕާޓީގެ ލީޑާޝިޕް އިން ގެންދަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އަށް ވަރަށް ފޯރި އާއި އެކު ކެމްޕެއިން ކުރަމުންނެވެ. އަދި މުއިއްޒު އަށް ޕީއެންސީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ ތާއިދުވަނީ ދެއްވާފައެވެ.

ރިޔާސީ އިންތިހާބު ފެށުމަށް 15 ވަރަކަށް ދުވަސްވެފައިވާއިރު ބައެއް ރަށްރަށުގެ ކައުންސިލަރުންނާ މަޖިލިސް މެންބަރުން އަންނަނީ ޕާޓީ ބަދަލުކުރަމުންނެވެ.