English Edition
Dhivehi Edition

އަވަށްޓެރި އިންޑިއާ އިން ފިޔާގެ އަގު ބޮޑުވުމާ އެކު މާލޭ ބާޒާރުގައި ވެސް ފިޔާގެ އަގު ކިލޯއަކުން 5 ރުފިޔާ ބޮޑުވެއްޖެއެވެ.

މީގެ ކުރިން 25 ކިލޯގެ ފިޔާ ބަސްތާއެއް 225ރ. އަށް ލިބެން ހުރިނަމަވެސް އިއްޔެ އިން ފެށިގެން ފިޔާ ބަސްތާއެއްގެ އަގު ވަނީ 350ރ. އަށް ބޮޑުވެފައެވެ. އެއީ ކިލޯއަކުން 5 ރުފިޔާ ބޮޑުވުމުން ބަސްތާއަކަށް މިހާރު ޖެހޭ އަގެވެ.

ބާޒާރުގައި ފިޔާގެ އަގު ބޮޑުވުމާއި އެކު ވިޔަފާރިވެރިން ބުނެފައިވަނީ ފިޔާގެ އަގު އެހާ ބޮޑުތަން އުފުލުނީ އިންޑިއާއިން ފިޔާ ލިބޭ އަގު ބޮޑުވުމުން ކަމަށެވެ.

އިންޑިއާގައި ފިޔާލިބުން ދަތިވެފައިވާއިރު، އެ މައްސަލަ ހައްލުކުރުމަށް އެ ގައުމުން މިހާރު ވަނީ ފިޔާގެ އެކްސްޕޯޓް ޑިއުޓީ 40 ޕަސެންޓަށް ބޮޑުކޮށްފަ އެވެ. ފިޔާގެ މައްސަލަ އިންޑިއާގައި ކުރިމަތިވުމާ އެކު އެކްސްޕޯޓަރުން ވަނީ ފިޔާގެ އަގު ބޮޑުކޮށްފަ އެވެ. ދުނިޔޭގައި ފިޔާގެ އެންމެ ބޮޑު އެކްސްޕޯޓެއް އޮންނަނީ އިންޑިއާގައި ކަމަށް ވުމުން ފިޔާގެ އެކްސްޕޯޓް އަގު ބޮޑުކުރީ އެ ގައުމަށް ބޭނުންވާ ވަރަށް މި ދުވަސްވަރު ފިޔާ ލިބުން ދަތިވެގެންނެވެ.

ކަން މިހެން ހުރިނަމަވެސް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ރާއްޖޭގައި ފިޔާގެ އަގުބޮޑުވުމާ އެކްސްޕޯޓް ޑިއުޓީއާ ގުޅުމެއް ނެތް ކަމަށާއި އޭގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށެވެ. މިކަމުގެ ސަބަބެއްކަމުގައި ފައްޔާޒު ވިދާޅުވީ ރާއްޖެ އަށް ފިޔާ އެތެރެ ކުރަނީ އިންޑިއާ އިން ހާއްސަ ޓެރިފެއްގައި ކަމަށް ވާތީ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަހު އިންޑިއާއިން ވަނީ 1.46 މެޓްރިކް ޓަނުގެ ފިޔާ އެކި ގައުމުތަކަށް އެކްސްޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭހެން، ބަންގްލަދޭޝާއި ނޭޕާލް، މެލޭޝިއާ، ޔޫއޭއީ އަދި ލަންކާ ހިމެނެއެވެ.