English Edition
Dhivehi Edition
ޑރ. މުހައްމަދު މުނައްވަރު

އައްޑޫގައި ތަރައްގީ ކުރަން އުޅުނު ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ހުއްޓުވީ މި ސަރުކާރުން ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ.މުހައްމަދު މުނައްވަރު ތުހުމަތުކުރައްވައިފިއެވެ.

އައްޑޫ ސިޓީ، ހިތަދޫގައި ރޭ ކުރިއަށް ދިޔަ މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި މުނައްވަރު ވިދާޅުވީ އައްޑޫ ސިޓީގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްގީކޮށް، އެ ތަނުން ސުޕަސްޕެޝަލިސްޓުންގެ ހިދުމަތް ދެވޭނެ ގޮތްތަކެއް ރާވައި، އެ ކަން ސަރުކާރަށް ވެސް ހުށަހެޅި ކަމަށެވެ. އެކަމަކު، ސަރުކާރުން އެ މަޝްރޫއަށް ހުރަސް އަޅާ މާލޭ ސަރަހައްދުގައި އެކަން ކުރަން މަސައްކަތް ކުރި ކަމަށް މުނައްވަރު ވަނީ ތުހުމަތުކުރައްވާފައެވެ،

އައްޑުއަށް އެ މަޝްރޫއު ގެންނަން މަސައްކަތް ކުރެއްވީ ހުދު އޭނާކަން ފާހަގަކުރަމުން މުނައްވަރު ވިދާޅުވީ އެ މަޝްރޫއު ގެންނަން އުޅުނު ކުންފުންޏަކީ ވަރަށް ގާތް ރަހުމަތްތެރިއެއްގެ ކުންފުންޏެއް ކަމަށެވެ. މީގެ އިތުރުން މުނައްވަރު ވިދާޅުވީ ސާޖަރީތައް ޝެޑިއުލްކޮށް، ބަލި މީހުން ބަލާނެ ދުވަސްތައް ކަނޑައަޅާފައި ސުޕަސްޕެޝަލިސްޓުން ކޮލަމްބޯ އިން ގަަމަށް ގެނައުމަށް ޕްލޭންކުރި ކަމަށެވެ.

މީގެ އިތުރުން މުނައްވަރު ވިދާޅުވީ އެ ގޮތަށް ކަންކަން ރޭވުމަށް ފަހުގައި ދައުލަތުން ބޮޑު ލާރިއެއް ވެސް ހަރަދުނުކޮށް އެ މަޝްރޫއު ހިންގޭނެ ގޮތްތައް ސަރުކާރަށް ހުށަހެޅިކަމަށެވެ. “އެ ކަމުގެ މަޝްވަރާއަށް ކޮލޮމްބޯގެ ހިލްޓަން ހޮޓެލްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް އެ ކުންފުނީގެ ބޭފުޅުންނާ ބައްދަލުކުރެއްވި. އެ ބައްދަލުވުމަށް ފަހު، ރައީސް އެދިލެއްވި ގޮތަށް ޕްރޮޕޯސަލެއް ތައްޔާރުކޮށް ހުށަހެޅިން. އެކަމަކު، ފަހުން އެއް ގޮތަކަށް އެ މަޝްރޫއު ކުރިއަށް ނުގެންދެވުނު ” މުނައްވަރު ވިދާޅުވިއެވެ.

އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލަން ޖެހުނު ސަބަބު ހާމަކުރައްވަމުން މުނައްވަރު ވިދާޅުވީ މި ސަރުކާރުން ބޭނުންވީ އެ މަޝްރޫއު ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ.