English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫއަށް މިއަދު ޒިޔާރަތްކުރައްވައި އެރަށުގައި ސަރުކާރުން ތަރައްޤީކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމާއި، ސްކޭޓް ޕާކާއި، ވޮލީ ކޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވީ އެމަނިކުފާނު މިއަދު ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވި، ބ. ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކޮށްފައިވަނީ، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިންނެވެ. މިގޮތުން މި މަޝްރޫޢުގެ މަސައްކަތް ނިންމައި ފެނާއި ނަރުދަމާގެ ކަނެކްޝަންތައް ގުޅައިދީ މިހާރު އަންނަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ގޮއިދޫގައި ތަރައްޤީކޮށްފައިވާ ވޮލީކޯޓުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް އެޝުއަރ ސަޕްލައިއާ ޙަވާލުކޮށްގެނެވެ. އަދި، އެރަށުގައި ޤާއިމްކޮށްފައިވާ ސްކޭޓް ޕާކް ތަރައްޤީކުރުމުގެ މަޝްރޫޢު ހިންގާފައި ވަނީ ބްރަދަރސް މޯލް އިންނެވެ. ސްކޭޓް ކުރުމަކީ ގޮއިދޫގެ ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ކުޅިވަރެކެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމްރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.