English Edition
Dhivehi Edition
ޑރ.މުހައްމަދު މުއިއްޒު

ވައުދެއް ފުއްދޭނެ ގޮތެއް ނޭގި ވައުދުވެ ވަޑައިނުގަންނާނެ ކަމަށް އަންނަމަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީ ކޯލިޝަނުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ އިދިކޮޅުގެ މެނިފެސްޓޯ އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އިދިކޮޅުގެ މެނިފެސްޓޯގެ ނަން އަދި ޝިއާރެއްގެ ގޮތުގައި އެ ޕާޓީގެ ލީޑަރު ޔާމީން އަބްދުލްގައްޔޫމް ކަނޑައެޅުއްވީ ‘ދިވެހިންގެ ރާއްޖެ’ ކަމަށެވެ. މިއަދު މި ގައުމަށް ބޭނުންވެފައިވަނީ ދިވެހިންގެ ރާއްޖެ އަނބުރާ ހޯދުންކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ އެ ބުރަ މަސައްކަތުގައި އެންމެން އަތު އޮޅާލައިގެން ތެދުވާން ޖެހިފައިވާ ކަމަށެވެ.

އިތުރަށް މުއިއްޒު ވިދާޅުވީ ފުދުންތެރި، ދިވެހިވަންތަ އިސްލާމް ވަންތަ، މިނިވަން މުސްތަގިއްލު، އަމިއްލަ ސިޔާދަތީ ބާރު ހިނގާ ރާއްޖެއަކަށް މިއަދު ބޭނުންޖެހިފައިވާ ކަމަށެވެ. އެހެންކަމުން ސިޔާސީ ފިކުރުން އެއްކިބާވެ ދިވެއްސަކަށްވީތީ ދިވެހިންގެ ރާއްޖެ ހޯދުމަށް އެކަތިގަނޑަކަށްވުމަށް މުއިއްޒު ވަނީ ގޮވާލާފައެވެ.

ޕީއެންސީ އިން މިއަހަރު ރިޔާސީ އިންތިހާބަށް ކަނޑައަޅާފައިވާ މެނިފެސްޓޯ އަށް އަލިއަޅުވާލަމުން މުއިއްޒު ވިދާޅުވީ އިދިކޮޅުގެ މެނިފެސްޓޯގައި ހުރި ކަންކަމަކީ ހަމަ ޔަގީނުންވެސް ހާސިލް ކުރެވޭނެ ކަންކަން ކަމަށެވެ. އަދި ވައުދެއް ފުއްދޭނެ ގޮތް ނޭންގިއެއް ވައުދެއްވެ ވަޑައިނުގަންނާނެ ކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އެކަން ކުރެވޭނެ ގޮތް އެނގިލައްވާ ކަމަށެވެ.