English Edition
Dhivehi Edition

އެމެރިކާ ލީގްސް ކަޕްގެ ފައިނަލްގައި ނަޝްވީލް އެފްސީ ބަލިކޮށް އިންޓަ މިއާމީން މުބާރާތުގެ ޗެމްޕިއަން ކަން ހޯދައިފިއެވެ.

މިއަދު ހެނދުނު ކުޅުނު ފައިނަލް މެޗު އިންޓަ މިއާމީން ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެން 9-10 ގެ ނަތީޖާއިންނެވެ.

މި މެޗުގެ ނަތީޖާ ޕެނަލްޓީ ޖަހައިގެން ނެރެން ޖެހުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރުވެސް ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުންނެވެ.

މި މެޗު ފަށައިގެން 23 ވަނަ މިނެޓުގައި އިންޓަ މިއާމީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން މެސީ އެވެ. ނަޝްވީލް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޕިކޯލްޓް އެވެ.

ދެ ޓީމު އެއްވަރުުވުމުން މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ގައި މިއާމީން ކުރި ހޯދީ 10-9 އިންނެވެ. މެޗުގެ ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން ކޮންމެ ޓީމަކަށް ވެސް ކާމިޔާބު ކުރެވުނީ ހަތަރު ޕެނަލްޓީ އެވެ. މިއާމީގެ ޕެނަލްޓީތައް ކާމިޔާބު ކުރީ މެސީ، ސާޖިއޯ ބުސްކެޓްސް، ކަމްޕަނާ އަދި މިލާ އެވެ. އެ ޓީމަށް ނާކާމިޔާބުވީ އުލޯގެ ޕެނަލްޓީ އެވެ.

ނަޝްވީލް އިން ވަނީ މުޚްތާރް، ގޮޑޯއީ، ޒިމާމަން އަދި ސުރިޖުގެ ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. ނާކާމިޔާބުވީ ލީލްގެ ޕެނަލްޓީ އެވެ. ފަސް ޕެނަލްޓީ އަށް ފަހު ދެން ޖެހި ހުރިހާ ޕެނަލްޓީއެއް މިއާމީން ކާމިޔާބު ކުރިއިރު، ނަޝްވީލްގެ އެއް ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. އެއީ ޕަނިއްކޯގެ ޕެނަލްޓީއެވެ.

ޕީއެސްޖީ ދޫކޮށް އިންޓަ މިއާމީއަށް މެސީ ބަދަލުވީ ނިމިގެން ދިޔަ ޖުލައި މަސްތެރޭގައެވެ. މިހާތަނަށް ހަތް މެޗު އިންޓަ މިއާމީއަށް ކުޅެދިން އިރު، އޭނާ ވަނީ 10 ގޯލު ޖަހައިފައެވެ. އެމެރިކާ ލީގު ކަޕް ތައްޓާއި އެކު މެސީ ކެރިއަރުގައި ހާސިލް ކުރި ތަށީގެ އަދަދު ވަނީ 44 އަށް އަރާފައެވެ. މިއީ ރެކޯޓެކެވެ. މިހާތަނަށް އެންމެ ގިނަ ތަށި ހޯދިކުޅުންތެރިޔާގެ ރެކޯޑު މިވަގުތ އޮތީ މެސީގެ އަތުގައެވެ.