English Edition
Dhivehi Edition
ފޮޓޯ: މުއިއްޒު2023 ޓްވިޓަރ

ވެރިކަމަށް ވަޑައިގެންފި ނަމަ، ރައްޔިތުން އެދޭ ގޮތަށް ކ. ގުޅީ ބިން ހިއްކައި ކ. މާފުށި އަދި ކ. ގުރައިދޫގެ ބިން އިތުރު ކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގުރައިދު އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ދިވެހީންގެ ރާއްޖެއަކަށް ހެދުމަށް ހުރިހާ އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މި ސަރުކާރުން ކަންކަން ކުރަމުން ގެންދަނީ އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ބަހެއް ނެތި ކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ރަށް ރަށުގެ ބިން ހިއްކުން ކަމުގައިވިޔަސް އަދި ބަނދަރު ހެދުންކަމުގައި ވިޔަސް މި ސަރުކާރުން ކުރިއަށް ގެންދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ނޫން ކަމަށެވެ. އެހެންކަމުން ރައްޔިތުން ބޭނުންވާ ގޮތަށް، ރައްޔިތުންގެ އަޑު އަހައިގެން ސަރުކާރެއް ގެންނާނީތޯ ނުވަތަ ނޫންތޯ ރިޔާސީ އިންތިހާބުގައި ނިންމަން ޖެހޭކަމަށް މުއިއްޒު ވިދާޅުވިއެވެ.

“މާފުށީގެ ބިން ހިއްކުމާއި ގުރައިދޫގެ ބިން ހިއްކާފައި އޮތީ އެ ރަށް ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަކަށް ނޫން. އަދި ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދަނީ ރައްޔިތުން އެދޭ ގޮތަކަށް ނޫން” މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ އިރު، އެ ސަރަހައްދުގައި އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އެ ތަންތަނުގައި ފެނާއި ކަރަންޓާއި ނަރުދަމާގެ ނިޒާމު އަޅަން ޖެހޭ އިރު، އެއްވެސް ކަމެއް ނުވާކަން މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.