English Edition
Dhivehi Edition
ދެ އަތްނބަށް މީހުނާ އިނުން ނުވަތަ ފިރިހެނުން އެކަކަށް ވުރެ ގިނަ މީހުނާ އިނުމުގެ މައްސަލައިގައި އިސްލާމީ ދުނިޔެއަށް ވަނީ ކުށްހީ އާއި، އޮޅުންތައް ވެރިވެފައެވެ. އަންހެނުންނާއި، ފިރިހެނުން ވަނީ އިސްލާމް ދީނުގައި ލައްވައިފައިވާ ނުހަނު ރީތި، ރަނގަޅު އާދައެއް ދޫކޮށްލުމަށް ފަހު ކާފަރުންގެ އުސޫލުތަކުގައި ހިފަހައްޓަން ފަށައިފައެވެ.

މުސްލިމުން ވަނީ ފިރިހެނުން އެކަކަށް ވުރެ ގިނަ މީހުނާ އިނުމަކީ ނުބައި ކަމެއް ކަމަށް ބަލަން ފަށައިފައެވެ. މިއީ ނުބައި ކަމެއް ކަމަށް ހެދުމަށްޓަކައި ޤުރްއާނާއި، ސުންނަތަށް ޚިޔާލުތަކާއި، ރައުޔު އިތުރު ކުރަން ވަނީ ފަށައިފައެވެ. ފިރިހެނުން އެކަކަށް ވުރެ ގިނަ މީހުނާ އިނުމާ ބެހޭ ގޮތުން އިސްލާމް ދީން ދެކޭ ގޮތަކީ ކޮބައި ހެއްޔެވެ؟ މިއީ މިހާރު އުފެދިފައިވާ ސުވާލެކެވެ.

ޕޮލިޖިނީތަ؟ ނުވަތަ ޕޮލިގަމީތަ؟

ފުރަތަމަ ފަށައިގަތުމުގެ ކުރިން މި ބަހުގެ މާނައަށް ބަލައިލަމާ ހިންގަވާށެވެ. މުސްލިމް ފިރިހެނުން އެކަކަށް ވުރެ ގިނަ މީހުނާ އިނުމަށް ޢާއްމުކޮށް އިނގިރޭސި ބަހުގައި ބޭނުން ކުރާ ބަހަކީ ޕޮލިގަމީ އެވެ. މިއީ ބޭނުން ކުރެވިދާނެ ބަހެކެވެ. އެކަމަކު ޕޮލިގަމީގެ މާނައިގައި އަންހެނަކު އެކަކަށް ވުރެ ގިނަ މީހުނާ އެއްފަހަރާ އިނދެގެން އުޅުން ވެސް އޮވެއެވެ. ވުމާއެކު ރަނގަޅު ބަހަކީ ޕޮލިޖިނީ އެވެ. މި ބަހުގެ މާނައަކީ ފިރިހެނަކު އެއްފަހަރާ އެކަކަށް ވުރެ ގިނަ މީހުނާ އިނދެގެން އުޅުމެވެ. ޕޮލިޖިނީގެ ޢަރަބި ބަހަކީ ތަޢައްދުދް އެވެ.

ހުއްދަ ކަމެއްތަ؟

ފިރިހެނުންނަށް އެކަކަށް ވުރެ ގިނަ މީހުނާ އެއް ފަހަރާ އިނގެދެން އުޅުމުގެ ހުއްދަ ދެއްވައި ކީރިތި ޤުރްއާނުގައި ސާފު ޢިބާރާތުން ވަނީ އަންގަވައިފައެވެ.

“. . . އަންހެނުންގެ ތެރެއިން ތިޔަބައިމީހުންގެ ހިތް ހަމަ ޖެހޭ ބަޔަކާ ކާވަނިވެ އިންނާށެވެ. ދޭކެވެ. އަދި ތިނެކެވެ. އަދި ހަތަރެކެވެ.” (ސޫރަތުއްނިސާއި، 3 ވަނަ އާޔަތުގެ ބައެއް)

ﷲ ސުބްޙާނަހޫ ވަތަޢާލާ އަކީ ހުރިހައި އެއްޗަކާއި، ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. އެކަލާނގެ ހެއްދެވި އިންސާނާގެ ކަންތައްތައް ވެސް، އެ އިންސާނާ އަށް ވުރެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ ﷲ އެވެ. އިސްލާމީ ޝަރީޢަތް ނުވަތަ އިސްލާމީ ޤާނޫނުތައް ބިނާ ވެފައި ވަނީ މި ދެންނެވުނު ދެނެވޮޑިގަތުމުގެ މަތީން، އިންސާނުންނަށް އެންމެ ފައިދާ ހުރި، އެންމެ ރަނގަޅު ހަމަތަކުގެ މައްޗަށެވެ. އިންސާނާގެ ޠަބީޢަތާ އެންމެ ގުޅޭ ގޮތެއްގެ މައްޗަށެވެ. ﷲ އަންގަވައިފައި ވަނީ ކޮންމެ ފިރިހެނަކަށް ވެސް ގިނަ ވެގެން ހަތަރު މީހުނާ އެއް ފަހަރާ އިނުމުގެ ހުއްދަ އެބަ އޮތް ކަމަށެވެ. އެހެން ނަމަވެސް މި ހުއްދަ ދެއްވައިފައި ވަނީ ޝަރުުތަކަކާ އެކުގައެވެ. އެއީ ހުރިހައި އަނބިންނާ މެދު ހަމަހަމަ ގޮތެއްގައި، އިންސާފުން ކަންތައް ކުޅައުމެވެ. އިސްލާމީ ޝަރީޢަތުގައިވާ ހަމަ ތަކުގެ މަތީން، ރޭކުރުމާއި، ޚަރަދު ކުރުމުގައި ހަމަހަމަކަން ހިފެހެއްޓުމެވެ. މި ދެންނެވުނު ފަދައިން ހަމަހަމަ އުސޫލެއްގައި ހިފެހެއްޓުމުގެ ޤާބިލުކަން ނެތް މީހަކު ނަމަ އިނދެގެން އުޅެން ވާނީ އެކަކާއެވެ.

މަތީގައި ދެންނެވުނު އާޔަތުގެ ފަހު ބައިގައި ވެއެވެ.

“. . . ދެންފަހެ، ޢަދްލުވެރި ނުވެވޭނެ ކަމަށް ހީވެ، ތިޔަބައިމީހުން ބިރުގެންފި ނަމަ އެކެކެވެ. ނުވަތަ ތިޔަބައިމީހުންނަށް މިލްކު ވެގެންވާ ބައެކެވެ. އެ ގޮތް ތިޔަބައިމީހުން ޙައްޤު މަގުން އެއްކިބާ ނުވުމަށާއި، އަނިޔާވެރި ނުވުމަށް ގާތްކަން ބޮޑެވެ.” (ސޫރަތުއްނިސާއި، 3 ވަނަ އާޔަތުގެ ފަހުބައި)

މި ހުއްދައަކީ އާދައިގެ ސިކުނޑިއަކަށް ވެސް ވިސްނޭ ވަރުގެ ތިލަ ގޮތަކަށް ދެއްވައިފައިވާ ހުއްދައެކެވެ. އެއްވެސް ކަހަލަ އޮޅުމެއް ނެތެވެ. އިންސާނުން އެ މީހުންގެ އަމިއްލަ ބޭނުމަށްޓަކައި މި ހުއްދައަށް އެކި ކަހަލަ ބަދަލުތައް ގެނެސްފައި ވެއެވެ. ނުވަތަ ބައިތައް އިތުރު ކޮށްފައި ވެއެވެ. މިސާލަކަށް ބައެއް މީހުން ބުނާ ގޮތުގައި ފިރިހެނަކު އެކަކަށް ވުރެ ގިނަ މީހުނާ އިންނަ ނަމަ، ފުރަތަމަ އަނބިމީހާ ފިޔަވައި ދެން އިންނަ ކޮންމެ މީހަކު ވާން ޖެހޭނީ ކުރިން މީހަކާ އިނދެ ވަރިވެފައިވާ މީހަކަށެވެ. ނުވަތަ އެހެންވެސް ސަބަބަކާ ހުރެ ހުވަފަތް ވެފައިވާ އަންހެނަކަށެވެ. މިއީ އެއްވެސް ކަހަލަ ހެއްކެއްގެ މައްޗަށް ބިނާކޮށް ދެކެވޭ ވާހަކައެއް ނޫނެވެ. މިޔާ ޚިލާފަށް ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް، އަބޫ ބަކްރު ޢަލައިހިއްސަލާމްގެ ދަރިކަނބަލުން ޢައިޝާ ރަޟިޔަﷲ ޢަންހާ އާ ކާވެނި ކުރެއްވުމަކީ މި ވާހަކަ ނަފީ ކުރަން އެކަށީގެންވާ، ފުރިހަމަ ހެއްކެކެވެ.

ފިރިހެނުން އެކަކަށް ވުރެ ގިނަ މީހުނާ އިނުމަކީ ކީރިތި ރަސޫލާގެ ސުންނަތުން ވަރަށް ރަނގަޅަށް ސާބިތު ވާން އޮތް ކަމެކެވެ. އެކަލޭގެފާނު އެއް ފަހަރާ ނުވަ ބޭކަނބަލުންނާ ކައިވެނި ކުރައްވައިގެން އުޅުއްވިއެވެ. ހަތަރު އަނބިކަނބަލުންނަށް ވުރެ އިތުރު ކުރެއްވީ ﷲ ސުބްޙާނަހޫ ވަތަޢާލާ، ހަމައެކަނި އެކަލޭގެފާނަށް ދެއްވި ޚާއްޞަ ޢިނާޔަތެއްގެ ދަށުންނެވެ.

ކީރިތި ޤުރްއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވައިފައި ވެއެވެ.

“އޭ ނަބިއްޔާ އެވެ. ކަލޭގެފާނު އެ ކަނބަލުންގެ އުޖޫރަ (ރަން) ދެއްވައިފައިވާ، ކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނާއި، އަދި، ހަނގުރާމައިގެ ޣަނީމާއެއްގެ ގޮތުގައި މާތް ﷲ ކަލޭގެފާނަށް ދެއްވި ތަކެތީގެ ތެރެއިން، ކަލޭގެފާނަށް މިލްކު ވެއްޖެ އަޅަކާއި، ހަމަކަށަވަރުން ތިމަން ސުވާމީންގެ ކަލޭގެފާނަށް ޙަލާލު ކުރެއްވީމެވެ. އަދި، ކަލޭގެފާނުގެ ބައްޕާފުޅުގެ ފަރާތުގެ ބޮޑުބޭބެއިންގެ އަންހެން ދަރިންނާއި، އެފަދަ ބޮޑުދައިތައިންގެ އަންހެން ދަރިންނާއި، (މި މީސްމީހުންގެ ތެރެއިން) ކަލޭގެފާނުންގެ އަރިހުގައި ހިޖުރަ ކުޅަ މީހުންވެސް (އެ މީހުންނާއި ކައިވެނި ކުރެއްވުމަށްޓަކައި) ކަލޭގެފާނަށް ތިމަން ސުވާމީންގެ ޙަލާލު ކުރެއްވީމެވެ. އަދި، މުއުމިނު އަންހެނަކު، އެ މީހެއްގެ އަމިއްލަ ނަފްސު، ނަބިއްޔާ އަށް ހިބަ ކޮށްދީ، އަދި، ނަބިއްޔާ އެމީހަކާއި ކާވަނި ކުރެއްވުމަށް ގަސްތު ކުރައްވައިފި ނަމަ، އެމީހަކާއި ކާވެނި ކުރެއްވުން ވެސް ހުއްދަ ކުރެއްވީމެވެ. އެހެން މުއުމިނުން ފިއަވައި، އެ މީހަކު، ކަލޭގެފާނަށް ޚާއްޞަ ވެގެންވާ ގޮތުގައެވެ.” (ސޫރަތުލްއަޙްޒާބް، 50 ވަނަ އާޔަތުގެ ބައެއް)

އެންމެ މީހަކާ އިނދެގެން އުޅުމަކީ ވެސް ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތެކެވެ. އިތުރު އެކަލޭގެފާނު ޚަދީޖާ ބިންތި ޚުވައިލަދާ ކާވެނި ކުރައްވައިގެން 25 އަހަރު ވާންދެން އުޅުއްވިއެވެ. އެކަމަނާ އަވަހާރަ ނުވެ، ދުނިޔޭގައި އިންނެވިހައި ދުވަހު އިތުރު ކާވެނިފުޅެއް ނުކުރައްވައެވެ. ކީރިތި ރަސޫލާ އެއް ފަހަރާ އެއް ބޭކަނބަލަކަށް ވުރެ ގިނަ ބޭކަނބަލުންނާ ކާވެނި ކުރައްވައިގެން އުޅުއްވުމަކީ، ފިރިހެނުން އެކަކަށްވުރެ ގިނަ މީހުނާ އިނުން އިސްލާމް ދީނުގައި ހުއްދަ ކުރައްވައިފައިވާ ކަމުގެ ހެއްކެކެވެ. އެކަކަށް ވުރެ ގިނަ މީހުނާ އިނުމަކީ މުސްލިމް ފިރިހެނުންގެ މައްޗަށް ލާޒިމު ކަމެއް ނޫނެވެ. އެހެން ނަމަވެސް އެއީ ސުންނަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ސުންނަތަކަށް ޢަމަލު ކޮށްފި ނަމަ އެކަމުގެ ދަރުމަ ލިބޭ ހުއްޓެވެ.

ކީރިތި ޤުރްއާނުގައި އޮޅުމެއް އޮތް ކަމަށް ދެކެވޭ ވާހަކަ

ކީރިތި ޤުރްއާނުގައި ﷲ ވަޙީ ކުރައްވައިފައި ވެއެވެ.

“. . . ދެންފަހެ، ޢަދްލުވެރި ނުވެވޭނެ ކަމަށް ހީވެ، ތިޔަބައިމީހުން ބިރުގެންފި ނަމަ އެކެކެވެ.” (ސޫރަތުއްނިސާއި، 3 ވަނަ އާޔަތުގެ ބައެއް) އަދިވެސް ވަޙީ ކުރައްވައިފައި ވެއެވެ.

“ތިއަބައިމީހުން އެކަމުގެ މައްޗަށް ދަހިވެތިވެ ރައްކައުތެރި ވިޔަސް، އަންހެނުން (އަނބިން) ގެ މެދުގައި ޢަދުލުވެރި ވުމަކަށް ތިއަބައިމީހުންނަކަށް ކުޅަދާނަ ވެގެންނެއް ނުވެއެވެ.” (ސޫރަތުއްނިސާއި، 129 ވަނަ އާޔަތުގެ ބައެއް)

މި ދެ އާޔަތް ފުށުއަރާ ކަމުގައި ފެނިދާނެއެވެ. އެއް އާޔަތުގައި އަންގަވަނީ އަނބިންނާ މެދު ޢަދްލުވެރިކޮށް ކަންތައް ކުޅައުމަށެވެ. އަނެއް އާޔަތުގައި އަންގަވަނީ ޢަދްލުވެރިވުމަކީ ކުރެވޭނޭ ކަމެއް ނޫން ކަމުގައެވެ. ބައެއް މީހުން ބުނަނީ ދެވަނަ އާޔަތުން، ފުރަތަމަ އާޔަތް ނަފީ ކުރާ ކަމުގައެވެ. އެހެން ނަމަވެސް ޙަޤީޤަތަކީ މިޔެއް ނޫނެވެ. މި ދެ އާޔަތާ މެދު އައްޝައިޚް އިބްނު ބާޒަށް ސުވާލު ދެންނެވުނީމާ ވިދާޅުވި އެވެ.

“މި ދެ އާޔަތް ފުށު އަރާ ގޮތެއް ނުވެއެވެ. އެއް އާޔަތަކުން އަނެއް އާޔަތެއް ނަފީއެއްވެސް ނުކުރެއެވެ. ފުރަތަމަ އާޔަތުގައި ބަޔާން ކޮށްފައިވާ ޢަދްލުވެރިވުމަކީ އެ މީހެއްގެ ބާރުގެ ދަށުގައިވާ ކަންތައްތަކުގައި ޢަދްލުވެރި ވުމެވެ. އޭގެ ތެރޭގައި ހިމެނެނީ ހަމަހަމަ ގޮތެއްގައި ވަގުތު ޙިއްޞާ ކުރުމާއި، ދިރިއުޅުމުގެ ވަސީލަތްތައް ހަމަހަމަ ގޮތެއްގައި ހޯދައި ދިނުމެވެ. ހިތުގައި އޮންނަ ލޯތްބާއި، ޖިންސީ އެދުމަކީ އެއްވެސް މީހެއްގެ ބާރު ފޯރާ ކަމެއް ނޫނެވެ. ފަހުން އޮތް އާޔަތުގައި އިޝާރާތް ކުރައްވާފައި ވަނީ މި ކަންތަކަށެވެ.

“ތިއަބައިމީހުން އެކަމުގެ މައްޗަށް ދަހިވެތިވެ ރައްކައުތެރި ވިޔަސް، އަންހެނުން (އަނބިން) ގެ މެދުގައި ޢަދުލުވެރި ވުމަކަށް ތިއަބައިމީހުންނަކަށް ކުޅަދާނަ ވެގެންނެއް ނުވެއެވެ.” (ސޫރަތުއްނިސާއި، 129 ވަނަ އާޔަތުގެ ބައެއް)

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އާ ބެހޭ ގޮތުން އޮތް ޙަދީޘެއްގައި ޢައިޝާ ރަޟިޔަ ޢަންހާ ވިދާޅު ވެފައި ވެއެވެ. ﷲ ގެ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) އެކަލޭގެފާނުގެ ވަގުތު ހުރިހައި އަނބިކަނބަލުންގެ މެދުގައި ބައްސަވައެވެ. އެކަލޭގެފާނަކީ ޢަދްލުވެރި ބޭކަލެކެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވައެވެ. އޭ ﷲ އެވެ. މި އަޅާ (އަނބިންގެ މެދުގައި) ވަގުތު ބަހަނީ އަމިއްލަ އިޚްތިޔާރު އޮންނަ ކަންތައްތަކުގައެވެ. ﷲ ގެ އިޚްތިޔާރުގައި އޮވެފައި، މި އަޅާގެ އިޚްތިޔާރުގައި ނުހުންނަ ކަންތައްތަކުގައި މި އަޅާއަށް ޢަފޫ ކުރެއްވުން އެދެމެވެ. (މި ޙަދީޘް ބަޔާން ވެފައި ވަނީ ސުނަން އަބޫ ދާވޫދާއި، ޖާމިޢް އައްތިރްމިޒީ އާއި، ސުނަން އައްނަސާއީ އާއި، ސުނަން އިބްނު މާޖާ ގައެވެ. އިބްން ޙައްބާނާއި، އަލްޙާކިމް ވަނީ މިއީ ޞައްޙަ ޙަދީޘެއް ކަމަށް ވިދާޅު ވެފައެވެ. މި ފަތުވާ ނަގާފައި ވަނީ އަލްޙަރަމައިން އޮންލައިން ނިވްސްލެޓަރ ގެ ވޮލިއުމް 5، ނަންބަރު 3 އިންނެވެ. މި ނޫސް ނުކުމެފައި ވަނީ 1421 ވަނަ އަހަރުގެ ޛުލްޤަޢިދާ މަހުއެވެ. ބައްލަވަން ބޭނުންފުޅު ނަމަ www.alharamain.org މި ސައިޓުން ބެއްލެވިދާނެއެވެ.)

ޙައްޤުގެ މައްޗަށް ބަލައިލުމެއްް

(ފިރިހެނުން އެކަކަށް ވުރެ ގިނަ މީހުނާ އިނުމުގައި ލިބިފައިވާ ޙައްޤުތަކުގެ ތަފްޞީލް ހޯއްދަވަން ބޭނުންފުޅު ނަމަ ބިލާލް ފިލިޕްސް އާއި، ޖަމީލާ ޖޯންސް ލިޔުއްވައިފައިވާ “ޕޮލިގަމީ އިން އިސްލާމް” މި ފޮތުން ވަރަށް ގިނަ މަޢުލޫމާތު ލިބިވަޑައިގަންނަވާނެ އެވެ.)

މަތީގައި ބަޔާން ކުރެވުނު އާޔަތްތަކުގައި ބަޔާން ކުރެވިފައިވާ ގޮތުގައި ފިރިހެނަކު އެކަކަށް ވުރެ ގިނަ މީހުނާ އިނދެފި ނަމަ ހުރިހައި އަނބިންގެ މެދުގައި ޢަދްލުވެރިކޮށް ކަންތައް ކުރުމަކީ ލާޒިމު ކަމެކެވެ. މި ޢަދްލުވެރިކަމުގެ މާނައަކީ ވަގުތާއި، ވަސީލަތްތައް ތަނަވަސްކޮށްދީ ބެލެހެއްޓުމުގައި ޢަދްލުވެރި ވުމެވެ. ފިރިހެންމީހާ އަށް ލާޒިމު ވެގެން ވަނީ އޭނާގެ ރޭތައް ހުރިހައި އަނބިންގެ މެދުގައި ހަމަހަމަ ގޮތެއްގައި ބަހައިލުމެވެ. ކާވެންޏަކީ ޖިންސީ ގުޅުމުގެ އިތުރަށް އެތައް ކަމެއް އޭގައި ހިމެނޭ ކަމެކެވެ. ވުމާއެކު ޙައިޟް ގެ ދުވަސްވަރަށް ވާތީ ނުވަތަ ވިހައިގެން އުޅޭތީ، ނުވަތަ އެ ނޫންވެސް ސަބަބަކާ ހުރެ ލޭ އަންނާތީ ނުވަތަ އެހެން ސަބަބަކާ ހުރެ ނަމަވެސް އަންހެން މީހާއަށް ޖިންސީ ގުޅުމެއް ހިންގެން ނެތް ނަމަވެސް، ފިރިހެން މީހާ އަށް ލާޒިމު ވެގެން ވަނީ ހަމަހަމަ ގޮތެއްގައި ވަގުތު ބަހައިގެން އުޅޭށެވެ. މި ފަދަ ގޮތަކަށް ޢަމަލު ކުރުމުގެ ސަބަބުން ލޯތްބާއި، އަޅާލުން އިތުރު ވެގެން ދާނެ އެވެ. އަދި އަނބިންނަށް ލޯތްބާއި، އަޅާލުމުގެ އިޙްސާސް ކުރެވޭނެއެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވައިފައި ވެއެވެ.

“. . . އެކަނބަލުންނީ ތިޔަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިޔަބައިމީހުންނަކީ އެ ކަނބަލުންނަށް ފޭރާމެކެވެ. . .” ސޫރަތުލްބަޤަރާގެ 187 ވަނަ އާޔަތުގެ ބައެއް)

މި އާޔަތާ ބެހޭ ގޮތުން އިބްނު ޢައްބާސް ވިދާޅުވެފައި ވެއެވެ. “އެކަނބުލޭގެއާއެކު ދިރިއުޅުމުން ތިބާ އަށް އުފާ ޙާޞިލް ކުރެވެއެވެ. ތިބާއާއެކު ދިރިއުޅުމުން އެކަނބުލޭގެއަށް އުފާ ޙާޞިލް ކުރެވެއެވެ.” (އައްރިފާޢީ، ޝައިޚް މުޙައްމަދު ނަޞީބް، ތަފްޞީރް އިބްނު ކަޘީރް (ލަންޑަން: އަލްފިރްދަވްސް ލިމިޓެޑް، 1998 – 105 ވަނަ ޞަފްޙާ) ފިރިހެނަކު އެކަކަށް ވުރެ ގިނަ މީހުނާ އިނދެގެން އުޅުމުގައި މި އުފާ ޙާޞިލް ކުރުމަށްޓަކައި ހަމަހަމަ ގޮތެއްގައި ވަގުތު ބަހައިލުމަކީ ލާޒިމު ކަމެކެވެ. (މައިމީހާ އަށް ހަމަހަމަ ގޮތުގައި ލިބިދޭ ވަގުތާއި، ދަރިންނަށް ހަމަހަމަ ގޮތުގައި ލިބިދޭ ވަގުތަކީ މުޅިން ތަފާތު ދެ ޙައްޤެއްގެ ގޮތުގައި އޮންނަ ދެ ކަމެކެވެ.)

ފިރިހެނަކު މީހަކާ އިނދެގެން ހުރެފައި، އިތުރު މީހަކާ އިނދެފިނަމަ އަލަށް އިން މީހާ، ފިރިމީހާ އަށް ފަރިތަ ވެލުމަށްޓަކައި ދެވިފައި އޮންނަ ވަގުތުކޮޅެއް އޮވެއެވެ. އައު އަނބިމީހާއަކީ ބިކުރުވެރި އަންހެނެއް ނަމަ، އެހެން އަނބިންގެ ގާތަށް ނުގޮސް، ހަމައެކަނި އައު އަނބިމީހާގެ ކައިރީގައި ހަތް ދުވަސް ހޭދަ ކުރަން ޖެހެއެވެ. ބިކުރުވެރި އަންހެނެއް ނޫން ނަމަ މި މުއްދަތު އޮންނަނީ ތިން ދުވަހަށެވެ. ބިކުރުވެރި އަންހެނަކަށް ނުވިޔަސް، ހަތް ދުވަހަށް އެދުމަކީ އައު އަނބިމީހާއަށް ލިބިފައި އޮންނަ އިޚްތިޔާރެކެވެ. ހަތް ދުވަސް އޭނާއަށް ދީފި ނަމަ އެހެން އަނބިންނަށް އެ ދުވަސްތައް ހަމަކޮށް ދޭން ވާނެއެވެ. އައު އަނބިމީހާއަށް އޮންނަ ޚާއްޞަ މުއްދަތު ހަމަވުމަށް ފަހު، ފިރިމީހާއަށް ޖެހޭނީ ހުރިހައި އަނބިންގެ މެދުގައި ހަމަހަމައަށް ވަގުތު ބަހައިލާށެވެ.

އެކަކަށް ވުރެ ގިނަ މީހުނާ އިނދެގެން އުޅޭ ފިރިހެނުންނަށް ލާޒިމު ވެގެންވާ އަނެއް ކަމަކީ ކޮންމެ އަނތްބަކަށްވެސް ދިރިއުޅެން އެކަށީގެންވާ ތަނެއް ދެއްކުމެވެ. އެއް އަނތްބަކަށް މޮޅު ގެއެއް ދީފައި އަނެއް އަނތްބަކު ޙާލުގައި އުޅެން ޖެހޭ ގޮތް އެއްގޮތަކަށްވެސް ހަދައިގެން ނުވާނެ އެވެ. ދަރިން ތިބި ނިސްބަތަކުން ގޭގެ ކުޑަ ބޮޑު މިނާއި، ވަސީލަތްތައް ތަފާތު ކުރި ކަމުގައި ވިޔަސް، އެއްވެސް ކަމެއްގެ ނުވަތަ އެއްޗެއްގެ މޮޅު، ދެރަ މިނަކަށް ބަދަލެއް ގެނެސްގެން ނުވާނެ އެވެ.

ޢަދްލުވެރިވުން މިހިސާބުން ނިމުނީއެއް ނޫނެވެ. ފައިސާއާއި، އަންނައުނު ދިނުމުގައި ވެސް ހުރިހައި އަނބިން ހަމަހަމަ ކުރަން ވާނެއެވެ. މީގެ މާނައަކީ ކޮންމެ އަނތްބަކަށް ވެސް އެއްކަހަލަ އެއްޗެއް ހޯދައި ދިނުމެއް ނޫނެވެ. އަނބިންގެ ބޭނުންތައް ފުއްދައި ދިނުމުގައި ބަލަން ވާނީ ޢަދްލުވެރިވުމަށް ސަމާލުކަން ދީގެން، އެ އަނތްބަކަށް ބޭނުންވާ އެއްޗެއް ހޯދައި ދެވޭތޯއެވެ. ފައިސާ ދޭނަމަ ކޮންމެ އަނތްބަކަށްވެސް ދޭން ވާނީ އެއް ވަރަކަށެވެ. ހަދިޔާ ދިނުމުގައި ވެސް ހަމަހަމަކަން ހިފަހައްޓަން ވާނެއެވެ. ހަދިޔާއަށް ދޭ އެއްޗަކީ އެކައްޗަކަށް ވުން ލާޒިމެއް ނޫނެވެ. އެހެން ނަމަވެސް އެއްވަރެއްގެ އަގުހުރި އެއްޗަކަށް ވާން ވާނެއެވެ. (އަނބިންނަށް ކުރާ ޚަރަދުގައި ދަރިންގެ ޚަރަދުތަކެއް ނުހިމެނެއެވެ.)

ޚުލާޞާާ

އިސްލާމް ދީނުގައި ފިރިހެނުންނަށް އެކަކަށް ވުރެ ގިނަ މީހުނާ އިނުމުގެ ހުއްދަ ދެއްވާފައިވާ ކަމީ އެއްވެސް އޮޅުމެއް ނެތި ސާފުކޮށް އެނގެން އޮތް ކަމެކެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެއީ ކުރުން އައުލާ ވެގެންވާ ކަމެއްވެސް މެއެވެ. ޝައިޚް އިބްނު އުޘައިމިން ވިދާޅުވެފައި ވެއެވެ. “ގިނަ އަނބިންގެ މެދުގައި ޢަދްލުވެރިކަމާއެކު ކަންތައް ކުރުމުގެ ޤާބިލްކަން ލިބިފައިވާ މީހަކު ނަމަ ފުރަތަމަ އަނބިމީހާގެ އިތުރަށް އެކަކާ ނުވަތަ ދެމީހުނާ ނުވަތަ ތިން މީހުނާ އިނުމަކީ ހުއްދަ ކަމެކެވެ. ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ފިރިހެނަކަށް އަހަރެން ނަސޭހަތްތެރިވަނީ ކޮންމެ މީހަކު ހަތަރު މީހުނާ އިނުމަށް ފަހު، އެންމެ ދަރިއެއްގެ ބަދަލުގައި، ކޮންމެ އަހަރަކު ހަތަރު ދަރިން ހޯދާށެވެ. މިއީ އިސްލާމީ އުއްމަތުގެ އާބާދީ އިތުރު ކުރުމަށާއި، ޢަދަދުގެ ގޮތުންނާއި، ފެންވަރުގެ ގޮތުން ކާފަރުންގެ މައްޗަށް (މުސްލިމުންގެ ޢަދަދު) އިތުރު ކުރުމުގެ ގޮތުން ކުރަން ޖެހޭ ކަމެކެވެ.” (އަލްޙަރަމައިން އޮންލައިން ނިވްސްލެޓަރ، ވޮލިއުމް 4، ޢަދަދު 6، ޞަފަރް 1421)

ﷲ ސުބްޙާނަހޫ ވަތަޢާލާ އާއި، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ފިރިހެނުން އެކަކަށް ވުރެ ގިނަ މީހުނާ އިނުމުގެ ޤާނޫނުތަކާއި، ޝަރުޠުތައް ކަނޑައަޅުއްވައި އަންގަވައިފައެވެ. ކަނޑައެޅި ބަޔާން ވެފައިވާ ޤާނޫނަކަށް ބަދަލު ގެންނަން މަސައްކަތް ކުރުމަކީ ކުށެކެވެ. ފިރިހެނަކު އެކަކަށް ވުރެ ގިނަ މީހުނާ އިނުމުގައި ފައިދާތަކެއް އެބަހުރިކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. އޭގެ ތެރޭގައި ފިރިހެނުންނާއި، އަންހެނުންގެ އަބުރު ރައްކާތެރި ވުމާއި، ގިނަ ދަރިން ލިބުން ހިމެނެއެވެ. ރަނގަޅު ގޮތުގައި މި ޙައްޤުގެ ބޭނުން ކޮށްފިނަމަ އަންހެނުންނަށް ވަރަށް ގިނަ ފައިދާ ކުރާނެއެވެ. މީހަކާ ނީނދެ ހުރުމަށް ވުރެ، މީހަކާ އިނދެގެން އުޅޭ މީހަކާ އިނދެގެން އުޅުން އަންހެނުންނަށް މާފައިދާ ބޮޑެވެ.

ފިރިމީހާ އެހެން މީހަކާ އިނީމާ، ދޮށީ އަނބިކަނބުލޭގެ ކުރާ ހިތާމަތަކާ ބެހޭ ގޮތުން ޝައިޚް އެސް. އަލްމުނައްޖިދަށް ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވި އެވެ. ފިރިހެނަކު ދެ އަނތްބަށް މީހަކާ އިނީމާ ދޮށީ އަނބިކަނބުލޭގެ ކުރާނޭ ހިތާމައަކީ، ކުރިމަތިލާން ޖެހޭނެ މައްސަލަކަށް ވުމަކީ ދުރުކަމެއް ނޫނެވެ. މި ހިތާމަ މުޅިން ފިލުވައިލާން ނުވަތަ ކުޑަ ކުރަން ވަކި އުޞޫލުތަކެއް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ކަނޑައަޅުއްވައިފައެވެ. އޭގެ ތެރޭގައި ޢަދްލުވެރި ވުމާއި، ކެތްތެރިވުން ހިމެނެއެވެ. ކޮންމެ ގޮތެއް ވިޔަސް ފިރިމީހާ އެހެން މީހަކާ ނުވަތަ އެހެން މީހުނާ އިނުމުގެ ސަބަބުން ކުރިމަތިލާން ޖެހޭ ހިތާމަތަކެއް ހުރުމަކީ ދެކޮޅު ހެދެން ނެތް ޙަޤީޤަތަކަށް ވީ ނަމަވެސް، އެއީ ފިރިހެނަކު އެކަކަށް ވުރެ ގިނަ މީހުނާ އިނުން މަނާ ކުރެވޭނޭ ސަބަބެއް ނޫނެވެ. އިސްލާމް ދީން އައީ އިންސާނުންގެ ފައިދާއަށްޓަކައި ބާވައިލެއްވި ދީނެއްގެ ގޮތުގައެވެ. ގެއްލުންދެނިވި ކަންތައްތައް، ފައިދާ ކުރުވަނިވި ކަންތައްތަކަކަށް ބަދަލު ކުރުމުގެ ހަމަތަަކާ އެކުގައެވެ. އިސްލާމީ ޝަރީޢަތުގައިވާ ހަމަތަކުގެ މަތީން ފިރިހެނަކު އެކަކަށް ވުރެ ގިނަ މީހުނާ އިނުމަކީ އިންސާނުންގެ މަޞްލަޙަތާއި، ފައިދާއަށްޓަކައި އޮތް ކަމެއްކަމާ މެދަކު އެއްވެސް އޮޅުމެއް ނެތެވެ. އެ ކަމުގެ ފައިދާ ތަކުގެ ތެރޭގައި އެންމެ މީހަކާ އިނދެގެން އުޅޭ އުޅުމުގައި ޖިންސީ ގޮތުން އަލާ ނުކެނޑޭ މީހުންނަށް އެކަން ހަމަ ޖެއްސޭނޭ ގޮތެއް ވުމާއި، ފިރިއަކު ނެތް އަންހެނެއްގެ ޢިއްފަތްތެރިކަން ސަލާމަތް ކުރެވުމާއި، އެ ކަނބުލޭގެ ކުރަން ޖެހޭ ޚަރަދު ބަރަދުގެ ކަންތައްތައް ހަމަޖެހުމާއި، މުސްލިމުންގެ އާބާދީ އިތުރުވުމާއި، ހަނގުރާމައިގައި މަރުވާ ފިރިހެނުންގެ ސަބަބުން ހުވަފަތް ވެފައި ތިބޭ އަންހެނުންނަށް ދިރިއުޅެވޭނޭ ގޮތް މެދުވެރިވުމާއި، މި ފަދަ އެތައް ފައިދާއެއް އެކަމުގައި ހިމެނެއެވެ. ފިރިހެނަކު އެކަކަށް ވުރެ ގިނަ މީހުނާ އިނުމުގެ ސަބަބުން ދިމާވާ ނޭދެވޭ ކަންތައްތަކަށް ބަލައިލާ އިރު އެ ކަންތައް ވެފައި ވަނީ ފައިދާ އާ އަޅައި ބަލާ އިރު، ވަރަށް މަދު ކަންތައްތަކެއް ކަމުގައެވެ. ނުވަތަ އެ ކަންތައްތަކަކީ މި އިޚްތިޔާރު ނަހަމަ ގޮތެއްގައި ބޭނުން ކުރުމުގެ ނަތީޖާ ކަމުގައެވެ.