English Edition
Dhivehi Edition

އިގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވުލްވްސް އާއި ދެކޮޅަށް ކުޅުނު މެޗުން ހަނިގޮތަކަށް މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.

ވުލްވްސް އާއި ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑު މޮޅުވީ 1-0 ގެ ނަތީޖާއަކުން ނެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. އެގޮތުން ލަނޑު ޖަހަން ރަނގަޅު ފުރުސަތުވެސް ތަނަވަސް ކުރިއެވެ. ހަމަ އެގޮތަށް ވުލްވްސްއަށް ވެސް ލަނޑުޖަހަން ފުރުސަތު ލިބުނެވެ.

ފުރަތަމަ ހާފުގައި ޔުނައިޓެޑުގެ ރަޝްފޯޑް އާއި އެންތަނީ އަދި ވަރާންއަށް ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން ނުކުރެވުނު އިރު، މިހާފުގައި ވުލްވްސްގެ ބްރެޒިލް ފޯވާޑް މެތިއުސް އަދި ޕަބްލޯ ސަރާބިއާ އަށް ލިބުނު ހުސް ފުރުސަތުތައްވެސް ބޭނުން ނުކުރެވުނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މިމެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ރަފައެލް ވަރާން އެވެ. މިއީ އެޓީމުގެ އިގިރޭސި ޑިފެންޑަރު ވެންބިސާކާ އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މެޗު ނިމިގެން ދިޔައީ މި ލަނޑާއި އެކު ޔުނައިޓެޑު ކުރީގައި އޮވެގެންނެވެ.

ޔުނައިޓެޑުން ދެން ނުކުންނާނީ ޓޮޓެންހަމް އާއި ދެކޮޅަށެވެ. އެއީ މި މަހުގެ 19 ވަނަ ދުވަހުގައެވެ.