English Edition
Dhivehi Edition

ކައިވެންޏެއް ކުރަނީ އުފަލާއި ހިތްހަމަ ޖެހުމުގެ ދިރިއުޅުމެއް ވޭތިކުރުމުގެ މަޤުސަދުގައެވެ. އެކަކު އަނެކަކަށް ދޭއްވާ ނުވަތަ ދޭންޖެހޭ އިންސާނީ ޙައްޤުތަކާއި ކައިވެނީގެ ސަބަބުން އަދާކުރަން ޖެހޭ ޙައްޤުތަކެއްވެސް ހުރިކަން ދެނެ ހުރެއެވެ.

ކައިވެންޏަށް ފަހުގައިވެސް ދެމަފިރިންކުރެ ކޮންމެ މީހަކަށްވެސް އެކަކުއަނެކަކަށް އަދާކުރަން ޖެހޭ މުހިންމު ގިނަ ޙައްޤުތަކެއް ވެއެވެ. އެއީ މާތްވެގެންވާ އިސްލާމްދީނުގައި އޮންނަ ރިވެތި އުސޫލުތަކުގެ މަތިން އަދާކުރަން ޖެހޭ ހައްޤުތަކެވެ.

ކޮންމެއަކަސް ދެމެފިރިން އެކަކު އަނެކަކަށް އަދާކުރަން ޖެހޭ އެކި ވަރުގެ ޙައްޤުތައް ހުންނައިރު، ގިނައިން މި އަޑުއިވެނީ އަނބިމީހާ ފިރިމީހާގެ ޙައްޤުތައް އަދާކޮށް ނުދީގެން އުޅޭވާހަކައެވެ. ނުވަތަ ފިރިމީހާގެ ޙައްޤުތަކަށް އަނބިމީހާ އިހުމާލުވާ ވާހަކައެވެ.

ފިރިމީހާގެ ޙައްޤުތައް ނުލިބިގެން ވަކާލާތު ކުރާފަދައިން އަނބިމީހާގެ ޙައްޤުތަކަށް ވެސް ވަކާލާތު ކުރަން ޖެހެއެވެ. ނަމަވެސް ގިނައިން މި އަޑު އިވެނީ އަނބިމީހާގެ ކިބައިން ކަންކަން ނުވެގެން ފިރިމީހާ ކުރާ ޝަކުވާތަކުގެ އަޑެވެ.

މިފަދައިން ޝަކުވާ ކުރާ ފިރިންނާ ކޮށްލަންޖެހޭ ސުވާލެއް އެބައޮތެވެ. އެއީ އަނބިމީހާގެ ފަރާތުން ކަންކަން ނުވެގެން ޝަކުވާކުރާއިރު، ތިބާ އަނބިމީހާގެ ކަންކަން ކޮށްދީ އަނބިމީހާގެ ބޭނުންތައް ބަރާބަރަށް ފުއްދައިދެންތޯއެވެ.؟

ޒަވާޖީ ޙަޔާތުގައި އަނބިންގެ ކިބައިން ފިރިންވެސް އަދި ފިރިންގެ ކިބައިން އަނބިންވެސް ވަރަށް ގިނަ ކަންކަމަށް އެދެންޖެހެއެވެ. އުފާވެރިކަން، ހިނިތުންވުން، އަޅައިލުން، ތެދުވެރިކަން، ވަފާތެރިކަން، އޯޤާތެރިކަން މިހެންގޮސް ކިޔާނެކަމެއް ނެތެވެ. ވަރަށް ގިނަ ކަންކަން ހުރެއެވެ.

މިއީ ހަމަ ދެމަފިރިންގެ ފަރާތުންވެސް އެކަކުއަނެކަކަށް ދޭން ޖެހޭ އަދާކުރަން ޖެހޭ ކަންކަމެވެ. ވަކި އަނބިމީހާ އެކަންޏެއް ނޫނެވެ. ފިރިމީހާގެ ފަރާތުންވެސް އަނބިމީހާއަށް މި ބުނިކަންކަން ފުރިހަމަ ވާން ޖެހެއެވެ. ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ވެސް ލިބެންޖެހޭ އޯޤާތެރިކަމާއި އަޅާލުން ނުލިބޭނަމަ އަނބިމނީހާގެ ފަރާތުންވެސް އެކަންކަމަށް ފިރިމީހާ އިންތިޒާރުކުރާކަށް ނުޖެހޭނެއެވެ.

ފިރިމީހާގެ މައްޗަށް ޚާއްސަވެގެންވާ އަނބިމީހާގެ ޙައްގުތަކަށް ބަލާއިރު،އަނބިމީހާ އަށް އޯގާތެރިވުމާއި އެކު ރިވެތި ދިރިއުޅުމަކުން އެކަނބުލޭގެ އާއި އެކު ދުވަސްތައް ހޭދަ ކުރުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބު ކަމެކެވެ.

އަނބިމީހާ އަށް ގޯނާވާނެ އެއްވެސް ކަމެއް ނުކުރުން ފިރިމީހާއަށް ހުއްދަވެގެން ނުވެއެވެ. ދުރުހިލޭ މީހުނަށް ގޯނާކޮށް އަނިޔާކޮށް ހެދުމަކީވެސް އިސްލާމްދީން މަނާ ކުރައްވާފައިވާ ކަމެކެވެ. އެހެންކަމުން، އަނބިމީހާ އަށް ގޯނާވާނެ ކަމެއް ކުރުމަކީ ވަކީން ބޮޑަށް ގޯސް ކަމެކެވެ.