English Edition
Dhivehi Edition
ކައްދޫ އެއަރޕޯޓު

ލ.އަތޮޅުގެ ރައްޔިތުންގެ އުންމީދުތަކާއި އެންމެ ބޮޑަށް ގުޅިފައިވާ އެތޮޅު ކައްދޫ އެއާޕޯޓަކީ 1986 ވަނަ އަހަރު ހުޅުވި އެއާޕޯޓެކެވެ. ކައްދޫ އެއަރޕޯޓަކީ އަތޮޅުތެރޭގެ ރަށެއްގައި އެންމެ ފުރަތަމަ ހުޅުވި އެއާޕޯޓްކަމަށްވެސް ބުނެވެއެވެ. މެދުރާއްޖެ ތެރެއާއި ދެކުނުގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެއް ކަމުގައިވާއިރު، ކައްދޫ އެއާޕޯޓް ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީ ކުރުން އެއީ އެ އަތޮޅުގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދާއި ގުޅިފައިވާ އަދި ކުރަން ޖެހިފައިވާ ކަމެކެވެ. މިއީ ލާމު އަތޮޅަށް ނިސްބަތްވާ ހަމަ ކޮންމެ ރައްޔިތަކުވެސް ޤަބޫލުރާނޭ ހަޤީޤަތެކެވެ.

ކަންމިހެން އޮތްއިރު، 2020 ވަނަ އަހަރުގެ ޖަނަވަރީ 26 ވަނަ ދުވަހު “އެޖެންޑާ-19 ހައްދުއްމަތީ ކޮންފަރެންސް” ގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް އެއަހަރު ތެރޭގައި ފައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އޭރު އެމަނިކުފާނު މިފަދައިން ނިންމަވާފައިވަނީ އޭރު ނެރުއްވި ގަރާރެއްގެ ދަށުންނެވެ. އެގޮތުން ކައްދޫ އެއަރޕޯޓްގެ މަޝްރޫއަށް ޚަރަދު ކުރަންޖެހޭ އެންމެ ދަށް މިންވަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ފަސް މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާކަމަށް ގަރާރުގައި ވަނީ ކަނޑައަޅުއްވާފައެވެ.

މަދަނީ އެއަރޕޯޓެއްގެ ގޮތުގައި އޮޕަރޭޓް ކުރަމުން އައި ކައްދޫ އެއަރޕޯޓް މިލިޓަރީ އެއަރޕޯޓަކަށް ބަަދަލުކޮށް “އިސްކަންދަރު ވައިގެ ބަދަރު” ގެ ނަމުގައި އަލުން ހުޅުވީ މޭ 2016ގަ އެވެ. ކައްދޫ އެއަރޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ވައުދަކަށްވީއިރު، ރައީސް ޞާލިހް އެހެން ވިދާޅުވިފަހުން ވެރިކަމުގެ ދައުރުނިމެން މިވަނީ މަހަކަށް ގާތްވެފައެވެ. ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީ ކުރުމަށް ކުރެވުނު އެއްވެސް މަސައްކަތެއް މިއަދާއި ހަމައަށް ނުފެނެއެވެ.

އިންޓަނޭޝަނަލް ފެންވަރަށް އެއާޕޯޓް ތަރައްޤީ ކުރުމަށް އެންމެ ކުޑަމިނުން ޕްލޭނެއް ވެސް މިހާތަނަށް ހެދިފައިނުވާއިރު، އަނެއްކާވެސް ރައީސް ޞާލިހުގެ ވެރިކަމުގެ ފަސް އަހަރު ނިމެން ކުޑަތަން ވެފައިވަނިކޮށް މިހާރު މިވަނީ އަނެއްކާވެސް ކައްދޫ އެއަރޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީ ކުރުމުގެ ވާހަތައް ތިލަކޮށްފައެވެ.

އެގޮތުން އިކޮނިމިކް މިނިސްޓްރީގެ ރަސްމީ ފޭސްބުކް ޕޭޖުގައި އާންމުކުރި ލިޔުމެއްގައި ވާގޮތުން ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ހިންގުމަށް ބިންް ހިއްކައި, އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ވަނީ ހަވާލުކޮށްފައެވެ.

އަދި މިއަދު އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ލޭންޑް ރެކްލަމޭޝަން އެންޑް ޝޯރ ޕްރޮޓެކްޝަން ފޮރ ޑިވެލޮޕްމަންޓް އޮފް ކައްދޫ އެއަރޕޯޓްގެ މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ، ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، ސީއީއޯ އާދަމް އާޒިމްއެވެ.

މި މަޝްރޫއުގެ ދަށުން ކައްދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީކޮށް 2.4 ކިލޯމީޓަރުގެ ރަންވޭއަކާއ،ި އިންޓަރނޭޝަނަލް ޕެސެންޖަރ ޓަރމިނަލް އަދި އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށް ބޭނުންވާ ބިން ހިއްކާނެކަމަށް ވަނީ ބުނެފައެވެ. އެގޮތުން އެއާޕޯޓަށް ބޭނުންވާ 56.83 ހެކްޓަރު ހިއްކާއިރު، 4433 މީޓަރުގެ ބޮޑުހިލަ ރިވެޓްމެންޓް ޖަހާނެކަމަށްވެއެވެ.

އާންމުކުރި ލިޔުމުގައިވާ ގޮތުން އެމްޓީސީސީއާ ބިން ހިއްކުމަށް ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް 600 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. މި މަޝްރޫއަށް 390 މިލިއަން ރުފިޔާ ހޭދަވާކަމަށްވެސް ބުނެފައިވެއެވެ.