English Edition
Dhivehi Edition

އަރަބް ކުލަބް ޗެމްޕިއަންސް ކަޕް ނުވަތަ ކިންގް ސަލްމާން ކަޕްގެ ފައިނަލުގެ ދެވަނަ ޖާގަ އަލް ހިލާލް އިން ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ އަލް ހިލާލް އިން ހޯދީ ރޭ ސެމީގައި އަލް ޝަބާބް އާއި ވާދަކޮށް 1-3 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށްގެންނެވެ.

އަލް ހިލާލް އިން މުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު، މިއީ މި މުބާރާތުގެ ތާރީޚުގައި އެޓީމުން ފައިނަލް ކުޅޭ ފަސްވަނަ ފަހަރެވެ. އަލް ހިލާން އެންމެ ފަހުން މި މުބާރާތުގެ ފައިނަލުގައި ކުޅެފައިވަނީ 2019 ވަނަ އަހަރުގައެވެ. އެފަހަރު ޓިއުނީސިއާގެ އެޓޮއިލޭ އަތުން 1-2 އިން ހިލާން ބަލިވީއެވެ. ހިލާލަ އަކީ ދެ ފަހަރު މި މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދާފައިވާ ކުލަބެކެވެ.

މި މުބާރާތުގެ ދެވަނަ ޖާގަ އަލް ހިލާލްއިން ހޯދިއިރު، އެޓީމުން ފައިނަލުގައި ބައްދަލުކުރްނ ޖެހޭނީ އަލް ނަޞްރާއެވެ. އަލް ނަޞްރު ފައިނަލުން ޖާގަ ހޯދީ ރޭ އިރާގުގެ ލީގު ޗެމްޕިއަން އަލް ޝޫރްތާއާއި ވާދަކޮށް 0-1 އިން ކުރިހޯދައިގެންނެވެ.

އަލް ނަޞްރު އަދި އަލް ހިލާލް މީގެ ކުރިން މި މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައެއް ނުވެއެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ސައުދީ އަށް ނިސްބަތްވާ މި ދެކުލަބު ކިންގް ސަލްމާން ކަޕްގެ ފައިނަލުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ރޭގެ މެޗު ފެށިގެންވެސް މޮޅަށް ކުޅެފައިވަނީ އަލް ހިލާލްއިންނެވެ. އެޓީމުން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 9 ވަނަ މިނެޓުގައި އަބްދުﷲ ކަންނޯ ޖަހައިދިން ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ ގޯލުގެ އަރިމަތިން ރުބެން ނެވޭސް ނަގައިދިން ހުރަސް ބޯޅައެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ 25 ވަނަ މިނެޓުގައި އަލް ހިލާލްގެ ގޯލް ކީޕަރު އަބްދުﷲ އަލް މަޔޫފް އަށް ރެފްރީ ވަނީ ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ އަލް ޞަބާބްއަށް ހުސްކޮށް ލަނޑު ޖަހަން ލިބުނު ފުރުސަތަކަށް ހުރަސް އެޅުމުގެ ގޮތުން ޕެނަލްޓީ އޭރިއާ ބޭރަށް ނުކުމެ އަތުން ޖަހައި ބޯޅަ މަތަކުރުމުންނެވެ. މި ރަތް ކާޑާއި އެކު އަލް ހިލާލް އިން ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ ނަމަވެސް އެޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކޮށްފައެވެ. މިލިންކޯ ސަވިޗް ދިން ހުސް ފުރުސަތަކުން ހިލާލްގެ ދެވަނަ ލަނޑު ޖަހައިދިނީ ބްރެޒިލް ފޯވާޑް މަލްކޮމް ފިލިޕޭއެވެ.

ފަހު ހާފު ފެށިގެން ފުރަތަމަ ދިހަމިނެޓުގެ ތެރޭގައި ރަނގަޅަށް ކުޅެ އަލް ޝަބާބްއިން ވަނީ ލަނޑެއް ޖަހާ އުންމީދެއް ހޯދާފައެވެ. ކޮލަމްބިއާގެ މިޑްފީލްޑަރ ގުސްޓާވޯ ކުއެލާގެ ލަނޑުން އުންމީދު ހޯދިނަމަވެސް އަލް ހިލާލްއިން ވަނީ މެޗުގެ ފަހު ވަގުތު އިތުރު ލަނޑެއް ޖަހާ ފައިނަލުގެ ޖާގަ ކަޝަވަރުކޮށްފައެވެ. އަލް ހިލާލްގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭ ޖަހައިދިނީ ފޯވާޑް އަބްދުﷲ އަލް ހަމްދާންއެވެ.

އަލް ހިލާލް އަދި އަލް ނަޞްރު މުބާރާތުގެ ފައިނަލުގައި ކުޅޭއިރު، މި ދެޓީމު ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގައެވެ. އެއީ މި މަހުގެ 12 ވަނަ ދުވަހުގެ ރެވެ.