އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި، އެ ޕާޓީން “ޕްލޭން ބީ” އަކީ ޑރ.މުއިއްޒު ކަމަށް އެ ޕާޓީން ކަނޑައަޅައިފިއެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުމުގައި ޕީޕީއެމްގެ ފަރާތުން ވަނީ، ޔާމީނަށް ވާދަ ނުކުރެއްވޭ ފަދަ ހާލަތެއްގައި އެ ޕާޓީން އެހެން ކެންޑިޑޭޓަކު ނެރެން ފުރުސަތެއް ދިނުމަށް އެދިފައެވެ. އިއްޔެގެ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނުން ބުނީ، ޕީޕީއެމްއަށް އެހެން ކެންޑިޑޭޓެއް ނެރުމުގެ ހުރަހެއް ނެތް ކަމަށެވެ.
އިއްޔެ ޝަރީއަތުގެ މަޖިލީހުގައި ޕީޕީއެމްގެ ވަކީލު ބުނީ ޕްލޭން ބީ އަކީ ރައީސް ޔާމީނަށް ނުލެއްވޭ ހާލަތެއްގައި އެ ޕާޓީން އިތުރު ކެންޑިޑޭޓަކު ނެރުން ކަމަށެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު ކަނޑައެޅީ ޕްލޭން ސީ ގެ ގޮތުގައި ކަމަށް އެ ޕަޓީން ވަނީ ބުނެފައެވެ. މި ވާހަކަތަކާއެކު ޑރ. ވަހީދު ކުށުގެ ރެކޯޑު ސާފުކުރައްވަމުން ގެންދެވީ ޕީޕީއެމްގެ ޕްލޭން ބީ އަށް ތައްޔާރުވެވަޑައިގަތުމަށް ކަމަށް އަޑު ފެތުރިފައިވާއިރު ޑރ.މުއިއްޒު އަކީ ޕްލޭން ބީކަަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ޕީޕީއެމްގެ މި ނިންމުމާއެކު ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި ނަމަ، އިދިކޮޅު ކޯލިޝަނުން ބަދަލުގައި އިންތިހާބުގައި ވާދަކުރައްވާނީ ޑރ. މުއިއްޒުއެވެ.