English Edition
Dhivehi Edition
ފޮޓޯ: ޕީޕީއެމް

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންއަށް ވާދަނުކުރެއްވޭ ހާލަތެއްގައި ޕީއެންސީގެ ފަރާތުން ކެންޑިޑޭޓެއް ނެގުމުގެ އިހުތިޔާރު އެ މަނިކުފާނަށް ދިނުމަށް އިދިކޮޅުގެ ލީޑަރޝިޕުން މިއަދު ނިންމައިފިއެވެ.

މިއަދު ހެނދުނު 11:00 ގައި ބޭއްވި ޕީޕީއެމް/ޕީއެންސީ ލީޑަރޝިޕް ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ލީޑަރުންގެ އިއްތިފާގުވެފައިވަނީ ޕީއެންސީގެ ފަރާތުން ކެންޑިޑޭޓެއް ނެގުން ރައީސް ޔާމީނަށް ދޫކޮށްލުމަށެވެ.

ޕީއެންސީ އިން މި އިންތިހާބުގައި ވާދަކުރުމާ މެދު އަދި ސީދާ ވަކިގޮތެއް ނިންމާފައި ނުވާއިރު، ވާދަކުރަންޖެހިއްޖެ ހާލަތެއްގައި އެ ޕާޓީގެ ކެންޑިޑޭޓަކީ ކޮބައިކަން ވެސް ހާމަކޮށްފައެއްް ނުވެއެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންއަށް ވާދަކުރުމުގެ ފުރުސަތު ވަރަށް ހަނިވެފައިވާއިރު އިއްޔެ އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު ހުށަހެޅުމުން އީސީ އިން ވަނީ ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމާފައެވެ. ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލަ އިދިކޮޅުން މިހާރު ސުޕްރީމް ކޯޓަށްވެސް ހުށަހަޅާފައިވާއިރު ރައީސް ޔާމީނުގެ ވަކީލު އަދި ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލު ވަނީ މައްސަލާގައި ކާމިޔާބު ލިބި ރައީސް ޔާމީނުގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.