English Edition
Dhivehi Edition
ރައީސް ޔާމީން

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރި އިންތިހާއަށް ވަނީ ގަދަވެފައެވެ. ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އިން އެ ޕާޓީގެ ކެމްޕެއިން މެކުހަށް ޖަހާފައިވާއިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓަކީ ރައީސް ޔާމީންކަމަށް އެ ޕާޓީން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. އެ ޕާޓީން އެއްވެސް އިތުރު ކެންޑިޑޭޓަކު ނުނެރޭނެކަމަށާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންއަށް ވާދަކުރެވޭނެކަމުގެ ޔަގީންކަން އެ ޕާޓީން އައީ ސަޕޯޓަރުންނަށް ދެމުންނެވެ. ރައީސް ޔާމީންގެ ސަޕޯޓަރުން ތިބީ ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލަ ނިމި އެ މަނިކުފާނަށް ކުރިމަތިލެވޭނެކަމުގެ އުއްމީދުގައެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަކުރެވޭނީ އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޖަލުހުކުމް މަތީ މަރުހަލާގެ ކޯޓަކުން ބާތިލް ކުރުމުންކަމަށް އެންމެންވެސް ގަބޫލުކުރެއެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން އެއް އަހަރަށް ވުރެ ދިގު ހުކުމެއް ކޮށްފައިވާ މީހަކަށް ރައީސް ކަމަށް ކުރިމަތިލެވޭނީ ހުކުމް ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ފަހުން ކަމުގައިވާއިރު ވ. އާރަށް ދޫކުރުމަށް ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާކުރި މައްސަލައިގައި ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އެހެންކަމުން މި ޖަލު ހުކުމާ އެކު، މިހާރު ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެވެން އޮތީ ހައި ކޯޓުން މައްސަލަ ނިންމާ ގޮތަކުންނެވެ.

ރައީސް ޔާމީން އިންތިހާބުގައި ވާދަކުރުން ބޮޑު ސުވާލަކަށް ވެފައިވާއިރު އިދިކޮޅު ފަރާތުން އެ މަނިކުފާނުގެ ރިޔާސީ ކެމްޕެއިން ފެށުމުން އެކަންވެސް ‘ގައުމީ ބޮޑު ޖޯކަކަށް’ ވެގެން ދިޔައެވެ. ޖަލުގައި އޮންނެވި މީހަކަށް އިންތިހާބުގައި ވާދަކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށާ ޕީޕީއެމް އިން އެންމެ ފަހު އެހެން ކެންޑިޑޭޓަކު ހިޔާރު ކުރާނެކަމަށް ބުނި މީހުންވެސް ވަރަށް ގިނައެވެ. ޕީޕީއެމްގެ ލީޑާޝިޕުން ރައީސް ޔާމީންގެ ސަޕޯޓަރުންނަށް ދައްކަމުން ދަނީ ‘އަވާމެންދުރެއް’ ކަމަށާ ޕާޓީ ތެރެއިން ވެރިކަމުގެ ދަހިވެތިކަމުގައި ‘ތަޅާފޮޅާ’ ހަބަރުތަކެއްވެސް ފެތުރިގެން ދިޔައެވެ.

އެހެންނަމަވެސް އެންމެ ފަހު ވަގުތު ޕީޕީއެމް އިން ވަނީ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ކެންޑިޑޭޓް ބަދަލުނުކުރާނެކަން ސާބިތުކޮށް ދީފައެވެ. ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ފުރާފައިވާއިރު އެ މަނިކުފާނުގެ ރަނިންމޭޓަކީ 2018 ވަނަ އަހަރުގެވެސް ރަނިންމޭޓް ޑރ.މުހައްމަދު ޖަމީލް ކަމުގައި އެ ޕާޓީން ވަނީ އިއުލާންކޮށްފައެވެ. އަދި މިއަދު އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު އިލެކްޝަނަސް ކޮމިޝަނަށް ހުށަހަޅާފައިވާއިރު ފާހަގަކޮށްލަންޖެހޭކަމަކީ ޕީޕީއެމްއަކީ އިންތިހާބުގައި ވާދަކުރުމަށް އެންމެ ފުރަތަމަ ފޯމު ހުށަހެޅި ޕާޓީކަމެވެ.

ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ ފޯމު ހުށަހެޅި ނަމަވެސް އެ ފޯމު ބަލައިގަތުމާ މެދު ވަނީ ގާނޫނީ ބަހުސެއް އުފެދިފައިވާއިރު އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ޔާމީންގެ ފޯމް ބަލައިގަތުމާ މެދު އެކޮމިޝަންގެ ގާނޫނީ ވަކީލުން 24 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިއަދު އެންމެންގެ ލޯ އަމާޒުވެފައިވަނީ އީސީ އިން ނިންމާ ގޮތަކަށެވެ. މި އިންތިހާބުގައި ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ވަރަށް ހަނިކަމަށް ގިނަ ބަޔަކު ގަބޫލުކުރަމުން އަންނައިރު އީސީ އިން ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ގަބޫލުނުކޮށްފި ނަމަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނުގެ ރަނިންމޭޓު ޑރ.ޖަމީލް ވަނީ ވިދާޅުވެފައެވެ.

ކޮންމެއަކަސް ދިމާވި ގިނަ ގޮންޖެހުންތަކާއެކުވެސް ޕީޕީއެމް އިން މި ވަނީ ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު އީސީ އަށް ހުށަހަޅާފައެވެ. އެ މަނިކުފާނަށް ތާއިދުކުރާ އެތައް ބަޔަކު ތިބީ އީސީ ގެ ނިންމުމުގެ އިންތިޒާރުގައެވެ. އީސީގެ ނިންމުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހާ ވަަރަށް ބޮޑަށް ގުޅިފައިވާ ނިންމުމެއްކަން ޔަގީނެވެ. ރައީސް ޔާމީން އަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވިއްޖެނަމަ އެއީ މި ސަރުކާރާ އެމްޑީޕީ އަދި ރައީސް ސޯލިހްއަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެ ޕާޓީން އިންތިހާބު ކާމިޔާބުކުރުމަށް އެޅިގެންދާ ވަރަށް ބޮޑު ހުރަހެކެވެ. ހަމައެއާ އެކު މި އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވިއްޖެ ނަމަ ޕީއެންސީ އިން ކެންޑިޑޭޓަކު ނެރެފާނެކަމަށް ދެކެވޭ ވާހަކަތަކަށް އިތުރު ބާރަށް ލިބިގެން ދާނެއެވެ. އެ ކޯލިޝަންގެ ވިސްނުން ބަދަލުކޮށް ދެވަނަ ވިސްނުމަކަށް ދާންޖެހޭނެއެވެ. ރައީސް ޔާމީންގެ ބަދަލުގައި ނެރޭނެ ކެންޑިޑޭޓަކު މިހާރުވެސް ޕާޓީގެ ލީޑާޝިޕުން ނިންމާފައި އޮތުމަކީ ދުރުކަމެއް ނޫނެވެ. އެހެންނަމަވެސް އުފެދޭ ސުވާލަކީ އެ ކެންޑިޑޭޓަކީ ރައީސް ޔާމީން ހޯއްދެވި ތާއިދު ހޯދިދާނެ ކެންޑިޑޭޓެއް ތޯއެވެ؟