English Edition
Dhivehi Edition

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑަސީ ފޯމު އިލެކްޝަން ކޮމިޝަނަށް މިއަދު ހުށަހަޅައިފިއެވެ.

މި ފޯމު އީސީގެ ރައީސް ފުވާދު ތައުފީގާ ހަވާލުކޮށްދެއްވީ ރައީސް ޔާމީންގެ އިންތިހާބީ އޭޖެންޓް މުހައްމަދު ތޮލާލެވެ.

ފޯމު ހުށަހެޅުއްވުމަށް ފަހު ބޭއްވި ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ފޯމު ބަލައިގަނެފައިވާ ކަމަށެވެ. އަދި އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ބައިތައް ފޯމުގައި ފުރިހަމަވޭތޯ ބެލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ހަބީބް ވިދާޅުވިއެވެ.

ގާނޫނީ ގޮތުން އިންތިހާބަށް ކުރިމަތިލުމާމެދު ކޮމިޝަނުން ނިންމި ގޮތް 48 ގަޑިއިރު ތެރޭގައި ކެންޑިޑަސީ ހުށަހެޅި ފަރާތަށް އީސީއިން ޖަވާބުދޭން ޖެހޭއިރު ހަބީބް ވިދާޅުވީ އީސީގެ މެންބަރުން ނިންމަވާފައިވަނީ 24 ގަޑިއިރު ފުރިހަމަވުމުގެ ކުރިން ފޯމާ މެދު އީސީ އިން ނިންމާ ގޮތެއް އެންގުމަށް ކަމަށެވެ.